ޚަބަރު

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ 2 ތަށިވެސް ޖަމާލުއްދީން ސްކޫލަށް


އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ޖަމާލުއްދީން ސްކޫލް ހޯދައިފިއެވެ.

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ބާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ ފައިނަލްގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސާދަ ގޯލް ހަތަރު ގޯލުން ބަލިކޮށްގެންނެވެ. މިއީ ފިރިހެން ބައިގެ ތަށި ޖަމާލުންދީނުން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގެ ފިރިހެން ބައިގެ އަދި އަންހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ ފައިނަލްގައި ޣާޒީ ސްކޫލް ނުވައެއް ހަތަރަކުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުތަކަށްފަހު ޖަމާލުއްދީންގެ ކޯޗު އަލީ ސޮފީހު ބުނީ މުބާރާތުގެ ފުރަތަމަ މެޗާއި ހިސާބުން ބޮޑު ތަފާތަކުން މި ބައިގެ ޗެމްޕިއަންކަން ހޯދޭނެކަމުގެ ޔަގީންކަން އޮތްކަމަށާއި، މިއީ ވަރަށް ބޮޑަށް އުއްމީދުކުރި ކާމިޔާބެއްކަމަށެވެ. އަދި ކުޅުންތެރިންގެ ހުނަރާއި ފެންވަރަށް ބަލާއިރު، ހުރިހާ ގޮތަކުންވެސް މި އުމުރުފުރާގައި ޖަމާލުއްދީން ސްކޫލް މާ ވަރުގަދަކަމަށް ކޯޗު ސޮފީހު ބުންޏެވެ.

މިއަހަރުގެ މުބާރާތުގެ ބާރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައި 14 ސްކޫލް އަދި ފިރިހެން ކުދިންގެ ބައިގައި 11 ސްކޫލަކުންވަނީ ވާދަކޮށްފައެވެ.