ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭންގެ ޑްރާފްޓް އަންނަ މަހު އާންމު ކުރަނީ


ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާ ޤައުމީ ތަރައްޤީގެ ޕްލޭން ނުވަތަ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގެ ޑްރާފްޓް އަންނަ މޭމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ޕްލޭނިންގ މިނިސްޓްރީއިން ގެންދަނީ ޕްލޭން އެކުލަވާލުމަށް އެކި ދާއިރާތަކުގެ މީހުންގެ ޚިޔާލު ހޯދަމުންނެވެ. އެގޮތުން މިނިސްޓްރިއިންވަނީ ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންތަކާއި އެކުވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ފަސް ދާއިރާއެއް ކުރިއެރުވުމާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާއަތްތަކާއި، އަމިއްލަގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލުތައްވަނީ ހޯދާފައެވެ. މިކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޒް މަންސޫރް ވިދާޅުވީ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނަކީ 5 އަހަރުގެ މުއްދަތަށް ހަދާ ޕްލޭނެއްކަމަށެވެ. އަދި މިހާރު މި ހަދާ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް ތިން އަހަރަށް ކުރުމަށް ނިންމާފައިވާ ހުރިހާ ކަމެއް ރާވާ ނިންމާނެކަމަށެވެ.

"މި ޕްލޭންގައި އަޅާނުލާ ދޫކޮށްލާފައިވާ ގިނަ ދާއިރާތަކަށްވެސް އަލިއަޅުވާލާނަން. ކުރީގެ ސަރުކާރާއި ޚިލާފަށް މި ސަރުކާރުގެ ވިސްނުމަކީ އެމީހަކު ހުރި ތަނެއްގައި ހުރެގެން ޚިދުމަތަކާއި އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުން" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ހެދުމުގެ މަސައްކަތް ނިމޭއިރު، މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތަކާއި، ބަޖެޓު ހޯދާނެ ގޮތްތައްވެސް އެ ޕްލޭންގައި ހިމަނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ޕްލޭންގެ ޑްރާފްޓެއް އަންނަ މޭމަހަށް ނިންމުމަށް ޕްލޭނިންގ މިނިސްޓްރީއިން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މި ކަމާ ގުޅޭގޮތުން މިނިސްޓްރީއިންވަނީ ސަރުކާރުގެ އިދާރާތަކާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ހެދުމުގެ ފްރޭމްވަރކްގައި ހިމެނެނީ އިޤްތިޞާދީ އަދި އިޖްތިމާޢި ތަރައްޤީއާއި ބޯހިޔާވަހިކަމާއި ޖިންސީ ހަމަހަމަ ކަމާއި މުޖުތަމަޢު އަދި އުމްރާނީ ތަރައްޤީއާއި ތިމާވެއްޓާއި މުވާސަލާތީ ދާއިރާއާއި ހިންގުމުގެ ދާއިރާއާ ގުޅޭ ކަންކަމެވެ.

މި ޕްލޭނަށް ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި މި ދާއިރާތަކުގައި ހިމެނޭ ކަންކަމުގެ ހާލަތު މިހާރު ރާއްޖޭގައި ހުރިގޮތާއި ހުރި މައްސަލަތައް ބައިވެރިންވަނީ ފާހަގަކޮށްފައެވެ. އަދި މި ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭ ޚިޔާލުތައްވެސް ބައިބެރިން ވަނީ ހުށައަޅާފައެވެ.

މި ބައްދަލުވުމުގައި ވަނީ ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މާލީ ކަންކަން ރަނގަޅުކުރުމާއި، އިޤްތިސާދަށް އަންނަ ބަދަލުތަކާއި، ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާއަތްތަކުގެ ޚިޔާލުވެސް ހޯދާފައެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އެއްދުވަހުގެ މުއްދަތަކަށެވެ.