ޚަބަރު

އިންޓަރނެޓް އަގު ހެޔޮކުރުމަށް މަޝްވަރާކުރަނީ


އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާކުރަން ފަށައިފިއެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭގައި ޓެކޮލޮމިނިއުކޭޝަން ހިދްމަތްދޭ މައި ދެ ކުންފުންޏާއި އެކު ފެށި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރވެޑައިގަންނަވަނީ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލުއެވެ. ދިރާގުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެޑައިގަންނަވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝިީދުއެވެ. އުރީދޫގެ ފަރާތުން ބައިވެރިވެޑައިގަންނަވަނީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޙާންއެވެ.

އިންޓަރނެޓް އަގު ހެޔޮކުރުމުގެ މަޝްވަރާތައް ފެށިނަމަވެސް މި މަޝްވަރާތައް ކުރިޔަށް ދާނީ ކިހާ މުއްދަތަކަށް ކަމެއް ޓެލޮކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅެއް ނުވެއެވެ.

އިންޓަރނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފަައިވާއިރު މި ސަރަހައްދުގެ ޤައުމުތަކުން އިންޓަރނެޓްގެ އަގުތައް އެންމެ ބޮޑީ ރާއްޖޭގައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އިންޓަރނެޓް ބޭނުންކުރާ ޤައުމަކީ ރާއްޖެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

އައިސީޓީ ޑިވެލޮޕްމަންޓް އިންޑެކްސްގެ ނަމުގައި އިންޓަރނޭޝަނަލް ޓެލްކޮމިއުނިކޭޝަން ޔޫނިއަނުން ޢާއްމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ދެކުނު އޭޝިއާގެ އެންމެ ކުޑަ ޤައުމުކަމަށްވާ ދިވެހިރާއްޖޭގެ އާބާދީގެ %54.46 މީހުން އިންޓަރނެޓް ބޭނުންކުރެއެވެ. ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބިފައިވަނީ 81 ވަނައެވެ. އެއީ ސައުތު ކޮރެޔާއާ އެއްވަރެއްގެ ރޭންކެކެވެ. އެންމެ ފަހުގެ ތަފާސް ހިސާބްތައް ދައްކާގޮތުން ރާއްޖޭގައި 270،000 މީހުން އިންޓަރނެޓް ބޭނުންކުރެއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ. އިންޓަނެޓް އަގު ހެޔޮ ކުރުމަށްޓަކާ، 25 ގައުމެއްގައި އިންޓަނެޓް ގެ އަގު ހުންނަ މިންވަރުގެ ދިރާސާއެއްވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ކޮށްފައެވެ.