ޚަބަރު

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ހަރުދަނާކުރުމަށް ބޭނުންވާ ސާމާނު ގެނެސްފި


ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އާލާތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއައް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ މަޢުލޫމާތު ދެނެގަތުމަށްޓަކާ މިހާރު ބޭނުންކުރަމުންދަނީ ޕަރސަނަލް އައިޑެންޓިފިކޭޝަން ސެކިއުއަރ ކޮމްޕެރިޒަން އެންޑް އިވެލުއޭޝަން ސިސްޓަމް، "ޕައިސިސް" އެވެ. މިއީ އައި.ސީ.ޓީ ދާއިރާގައި މަސައްކަތްކުރާ އެމެރިކާގެ މަޝްޙޫރު ކުންފުންޏެއްކަމަށްވާ ބޫޒް އެލެން ހަމިލްޓަންއިން ތަރައްޤީކޮށްފައިވާ ސިސްޓަމެކެވެ. 2013 ވަނަ އަހަރު ރާއްޖޭގައި ބޭނުންކުރަން ފެށި މި ނިޒާމް އެންމެ އެދެވޭގޮތެއްގައި ބެލެހެއްޓިފައިނުވާކަން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެހެންކަމުން އެމެރިކާ ސަރުކާރުގެ އެހީގައި މި ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު ވިދާޅުވީ، ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި ސީޕޯޓުތަކުގައި ބޭނުންކުރާ ޕައިސިސް ސިސްޓަމް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ 70 ސިސްޓަމެއް މިހާރު ރާއްޖެގެނެސްފައިވާކަމަށެވެ. އަދި ޕައިސިސް ބޯޑަރ ކޮންޓްރޯލްގެ ޓެކްނިކަލް ޓީމްވެސް ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އަދި އަލަށް ގެނެވުނު ސިސްޓަމްތައް ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި ސީޕޯޓުތަކުގައި އިންސްޓޯލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ބޯޑަރ ކޮންޓްރޯލް ނިޒާމު އަޕްގްރޭޑްކުރެވުމާއެކު، މި ނިޒާމްގެ މަސައްކަތްތައް އަވަސްވެ، ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއަރޕޯޓުތަކުގެ އިމިގްރޭޝަން ކައުންޓަރތަކުން ޚިދުމަތް ހޯދުމަށާއި، މުދާ ގެންނަ ފަރާތްތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މި އަޕްގްރޭޑް ތަކާއެކު މި ނިޒާމުގެ ސަލާމަތީ ކަންކަންވެސް އިތުރަށް ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމެރިކާ ސަރުކާރުގެ އެހީގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއާއި، މޯލްޑިވްސް އިމިގްރޭޝަން އާއި ޤައުމީ ދިފާޢީ ބާރު ގުޅިގެންނެވެ.