ޚަބަރު

އެމް.އެމް.އައި.އިން މަދަހަ ކިޔަން ދަސްކޮށްދޭ ކޯހެއް ފަށަނީ


ކުޑަކުދިންނަށް ޚާއްސަކޮށްގެން މަދަހަ ކިޔަން ދަސްކޮށްދޭ ކޯހެއް ފެށުމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އިން ތައްޔާރުވެއްޖެއެވެ. އެމްއެމްއައިގެ މި ކޯހުގައި އުމުރުން 6 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއަކީ، މީޑިއާގެ ދާއިރާއިން ފަންނުވެރިން ބިނާކުރުމުގެ މަޤްޞަދުގައި އުފައްދައި ހިންގަމުންއަންނަ މީޑިއާ އިންސްޓިޓިއުޓެކެވެ. އެމްއެމްއައިން މީޑިއާގެ ދާއިރާއާއި އެކި އެކި ފަންނުތަކުގެ ފަންނުވެރިން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާއިރު، މެލޭޝިއާގެ މަޝްހޫރު ލިމްކޮކްވިކްގ ޔުނިވަރސިޓީގެ ކޯސްތައްވެސް އެ އިންސްޓިޓިއުޓްގައި ދަނީ ހިންގަމުންނެވެ.

އެމްއެމްއައި އިން މިއަހަރު ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާޙް ވިދާޅުވީ ކުޑަކުދިންނަށް މަދަހަ ކިޔަން ދަސްކޮށްދޭ ކޯހެއް ފެށުމަށް އެ އިންސްޓިޓިއުޓުން މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި ފުރުޞަތުގެ ދަށުން ދާރިއާގެ ތަޖުރިބާކާރުންގެ އެހީއާއިއެކު މި ކޯހުގެ ބައިވެރިންނަށް މޮޅަށް މަދަހަ ކިޔަން ދަސްކޮށްދޭނެކަމަށް ޖިނާޙް ވިދާޅުވިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ބަންދު ދުވަސްތަކުގައި ކަމަށް ޖިނާހް ވިދާޅުވިއެވެ. މި ކޯހުގައި ބައިވެރިވާ ކުދިންގެ މަދަހަތައް ރިކޯޑްކޮށް އަންނަ ރަމަޟާން މަހު ޕީއެސްއެމްގެ މުންނާރު ޓީވީއިން ދެއްކުމަށް ނިންމާފައިވާކަމަށްވެސް އެމްއެމްއައި އިން މަޢުލޫމާތުދެއެވެ.

މި ކޯހުގައި ބައިވެރިވުމަށް 700 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެކަމަށް އެމްއެމްއައިއިން މަޢުލޫމާތުދެއެވެ. މި ކޯހުގައި 10 ކުދިންގެ 4 ބެޗް ބައިވެރި ކުރުމަށް އެމްއެމްއައިއިން ވަނި ނިންމާފައެވެ.

އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، މިދިޔަ އަހަރުވެސް ސްކޫލް ބަންދާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ"އަކާއި، މިއަހަރުގެ މިޑް ޓާމް ސްކޫލް ބަންދާ ދިމާކޮށް "މިޑް ޓާރމް ހޮލިޑޭ ފަން" ގެ ނަމުގައި ޚާއްޞަ ކުރު ކޯސްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.