ސިއްހަތު

ހިލޭ ހެލްތް ސްކްރީންކޮށްދިނުމުގެ ހަރަކާތެއް އޭ.ޑީ.ކޭ ހޮސްޕިޓަލުން ކުރިއަށްގެންދަނީ


ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ހިލޭ ހެލްތް ސްކްރީންކޮށްދިނުމުގެ ހަރަކާތެއް އޭ.ޑީ.ކޭ ހޮސްޕިޓަލުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޢާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިޙަރަކާތް އޮންނާނީ އަންނަ އާދިއްދަ ދުވަހު އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ. ހެލްތް ސްކްރީންކޮށްދިނުން އޮންނާނީ އާދިއްދަ ދުވަހުގެ ހެނދުނު 9އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ.

މި ޙަރަކާތުގައި "ބޮޑީ މާސް އިންޑެކްސް" ނުވަތަ އިސްކޮޅާ އަޅައި ބަލާއިރު ހަށިގަނޑުގައި ހުރި ބަރުދަން ޗެކްކޮށްދިނުމާއި، ހަކުރާއި ލޭގެ ޕްރެޝަރ ބަލައިދިނުމާއި އަނގައިގެ ކެންސަރަށް ސްކްރީންކޮށްދިނުން ކުރިއަށްދާނެއެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށްދިނުމާއި، އުރަމަތީގެ ކެންސަރާ ގުޅޭގޮތުން ޢާއްމުންނަށް މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ޢާއްމުންނަށް ބޭނުންވާނެ މަޢުލޫމާތު ދިނުމާއި، މަގުމަތީގެ ސަލާމަތީ ކަންކަމާގުޅޭ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ކޮންމެ އަހަރެއްވެސް އޭޕްރީލްމަހުގެ 7ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވަނީ ޔުނިވަރސަލް "ހެލްތް ކަވަރޭޖް - ކޮންމެ މީހަކަށް، ކޮންމެތާކުން" މި ޝިޢާރެވެ.