ތަރައްްޤީ

އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް ސަރުކާރުން އެކުލަވާލަނީ


ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ކެމްޕެއިން ހަރަކާތެއްގައި ރ. އިނގުރައިދޫގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދަތުރުފަތުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލާ، ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމް ހަރުދަނާކަމާއެކު ހަމަޖެއްސެވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ ކާބޯތަކެއްޗާއި މީހުން އެއްތަނުން އަނެއްތަނަށް ފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތް ވުމަކީ ތަނެއް ތަރައްޤީކުރުމުގެ އެންމެ މުހިއްމު އެއްވަސީލަތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި އެއަރޕޯޓުތައް ތަރައްޤީކުރައްވާއިރު އިނގުރައިދޫ ދާއިރާގައިވެސް އެއަރޕޯޓެއް އޮތުމަކީ މުހިއްމުކަމެއް ކަމަށާއި، ދާދި އަވަހަށް އިންގުރައިދޫ ދާއިރާގައިވެސް އެއަރޕޯޓެއް ތަރައްޤީ ކުރެވިގެންދާނެކަމުގެ ޚަބަރު ރައީސް ޞާލިޙް ވަނީ އެދާއިރާގެ ރައްޔިތުންނަށް ދެއްވާފައެވެ.

އިނގުރައިދޫ ދާއިރާގައި އެއަރޕޯޓެއް އަޅުއްވާނެކަން ހާމަކުރައްވާފައިވާއިރު، ރ. ފައިނުގައި ކުރީގެ ސަރުކާރުން އަޅަން ނިންމި އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް މިހާރުވަނީ ހުއްޓިފައެވެ. އައިލެންޑެ އޭވިއޭޝަނާއި ހަވާލުކޮށްގެން އަޅަން ނިންމެ ފައިނު އެއަރޕޯޓުގެ މަޝްރޫޢު ހުއްޓިފައިވަނީ މިމަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓުގައި ހުރި މައްސަލަތަކާއި ގުޅިގެން ގިނަބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަށުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރިއަށްދާއިރު، ރައީސް ޞާލިޙް ވަނީ މިހަފްތާތެރޭގައި ހއ. ހޯރަފުށީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.