ސިއްހަތު

އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި


ކުރިއަށްއޮތް ދުވަސްތަކުގައި އިންފުލުއެންޒާ ރޯގާ އިތުރުވެދާނެކަމަށް ލަފާކުރެވޭތީ، މިބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފިއެވެ.

އިންފުލުއެންޒާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ކޮންމެ އަހަރަކު އެއްފަހަރު ޖަހަންޖެހެއެވެ. އެއީ އިންފުލުއެންޒާ ވައިރަސްއަކީ އޭގެ ޒާތުގައި އަބަދުވެސް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އަންނަމުންދާ ވައިރަސްއަކަށްވާތީ، މި ބަދަލުތަކަށް ބަލާ ކޮންމެ 6 މަހަކުން އާ ވެކްސިން އުފައްދާތީއެވެ. ހާއްސަކޮށް އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ ފަރާތްތަކުން މިވެކްސިން ޖެހުމަށް އިސްކަން ދެއްވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ ފަރާތްތަކުގެ ތެރޭގައި:

• މާބަނޑުމީހުން
• އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތައް
• ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ އަދި ކެންސަރު ބައްޔަކަށް ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތައް
• ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރާ އުމުރުން 3އަހަރުން މަތީގެފަރާތްތައް
• ޑައިލެސިސް ހަދަމުންދާ ފަރާތްތައް
• އުމުރުން 65 އަހަރުން މަތީގެ ފަރާތްތައް (ޞިއްހީ މައްސަލައެއް ހުންނަ މީހަކު ނަމަ އެމައުލޫމާތު ދިނުން މުހިއްމު)
• އުމުރުން 6 މަހާއި 6 އަހަރާއި ދެމެދުގެ ކުޑަކުދިން (ދެވަނަ ޑޯޒް 4 ހަފުތާ ފަހުން ޖަހަންޖެހޭ)
• ދާއިމީ ބައްޔަކަށް ފަރުވާކުރަމުންދާ ފަރާތްތައް

އެޗް.ޕީ.އޭއިން ވިދާޅުވީ، އިންފުލުއެންޒާ ވެކްސިން އެސް.ޓީ.އޯ އަދި އޭ.ޑީ.ކޭގެ ފާމަސީތަކުން މިހާރު ލިބެން ހުންނާނެކަމަށެވެ.

އިންފުލުއެންޒާއަކީ އިންފުލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ. މި ބަލީގެ އަލާމާތަތަކަކީ ހުންއައުމާއި، ކެއްސުމާއި، ކަރުގައި ރިއްސުން، ބޮލާއި ގައިގައި ރިއްސުން ފަދަ އާންމު ހުމެއްގެ އަލާމަތްތައް ހިމެނެއެވެ. ނަމަވެސް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ޙާލަތްތަށްވެސް މެދުވެރިވެއެވެ.

އިންފުލުއެންޒާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއަޅާއިރު ވައިގެތެރެއަށްދާ އިންފުލުއެންޒާ ޖަރާސީމު އެކުލެވޭ ކުޅު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. މިބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު އޮންނާނީ ބަލިޖެހޭ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައިވާ ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު ނޭފަތުގައި އަތްލުމުންވެސް މި ޖަރާސީމު ހަށިގަނޑަށް އެތެރެވުމުގެ ފުރުޞަތު ބޮޑެވެ.