ވިޔަފާރި

އެމްއައިޓީޑީސީން ގެސްޓްހައުސް ސިނާއަތަށް އެހީތެރިވެދެނީ


މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ގެސްޓްހައުސް ސިނާއަތަށް އެހީތެރިވެދޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއައިޓީޑީސީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވީ، އެ ކުންފުނީގެ އައު އަމާޒަކީ ގެސްޓްހައުސް ސިނާއަތަށް އެހީތެރިވުންކަމަށެވެ. އެމްއައިޓީޑީސީއަކީ މެދުފަންތީގެ ފަތުރުވެރިކަމަށް އަމާޒުކުރެވިގެން އުފެއްދި ކުންފުންޏެކެވެ. ރާއިދު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުގައި ނެތިގެން އުޅެނީ ފަތުރުވެރިން ތިބޭނެ ކޮޓަރި ނޫންކަމަށާއި ނެތީ އެ ފަތުރުވެރިން ކުރާނެ އިތުރު ހަރަކާތްތައް ކަމަށެވެ. އެހެންކަމުން ބިންބޮޑެތި ރަށްރަށުގައި ޓުއަރިޒަމަށް ޙާއްސަ ސަރަހައްދެއް ކަނޑައެޅުމުން އެމްއަޓީޑީސީން އިތުރު ފެސިލިޓީތައް އެތަންތަކުގައި ޤާއިމުކުރާނެކަމަށް ރާއިދު ވިދާޅުވިއެވެ.

"މާލެ ކައިރީގައި ވެސް އެބަހުރި ގެސްޓްހައުސް. އެކަމަކު ޖެޓްސްކީއެއް ނެތް. ޑައިވިން ނެތް. އެހެންވެ އިތުރު ސާވިސް ދޭން ޝައުގުވެރިވަނީ. އެއާ ގުޅިގެން އަންނަން ޖެހޭ އިތުރު ފެސިލިޓީސް ނެތް. ބައެއް ރަށްރަށް އެބަހުރި ގިނަ ގެސްޓްހައުސް. އެކަމަކު އެހެން ވަސީލަތްތަކެއް ނެތް. އެހެންވެ، އަޅުގަނޑުމެންގެ ޝައުގުވެރިކަން އެބަހުރި އެފަދަ ވަސީލަތްތައް ގާއިމް ކުރަން،" ރާއިދު ވިދާޅުވިއެވެ.

މި ފެސިލިޓީތައް ޤާއިމްކުރުމުން ގެސްޓްހައުސް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރާއިދު ވިދާޅުވިއެވެ. އެމްއައިޓީޑީސީއަކީ ގެސްޓްހައުސްތަކަށް ހުރި ނުރައްކަލެއް ނޫންކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއައިޓީޑީސީއަށް މިލިއަނުން ފައިދާ ނުވިނަމަވެސް މި މަސައްކަތް ކޮށްދޭން ތައްޔާރަށް އޮތް ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއައިޓީސީން ރަށްރަށުގައި ތަރައްޤީކުރާ އެފަދަ ތަންތަން ހިންގުމުގެ ވިސްނުމެއް ނެތްކަމަށާއި އޭގެ ބަދަލުގައި އެ ކުންފުނި އަދާކުރާނީ ޑިވެލޮޕަރެއްގެ ރޯލު ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.