ޚަބަރު

އައްޑޫ ސިޓީ ސްކޮޔަރ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި


އައްޑޫ ސިޓީ ސްކޮޔަރ ތަރައްޤީކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ފަށްޓަވައިފިއެވެ.

މިމަސައްކަތަކީ އައްޑޫ ސިޓީގެ ތައްޤީއަށް ސަރުކާރުން އިޢުލާންކުރައްވާފައިވާ ބިޔަ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިއަދު ހެނދުނު މިމަަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.

މިމަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، މިއަދު ފެށި މިމަސައްކަތަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ފެށުންކަމަށެވެ.

މިރަސްމީއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ މިމަސައްކަތް ނިމޭއިރު ސިޓީ ސްކޮޔަރ ވެގެން ދާނީ، އެކި ޢުމުރުފުރާތަކުގެ މީހުން ބޭނުންކުރާ ހިތްގަމު ތަނަކަށްކަމަށެވެ. އަދި މިއީ އައްޑޫ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށްވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"މިއީ އައްޑޫގެ އެންމެންވެސް އެތަނަކަށް ފަޙުރުވެރިވާނެ ތަނަކަށް ވެގެންދާނެ. މިތަނުގައި ހުންނާނެ ރީތިކޮށް ލޭންޑްސްކޭޕް ކުރެވި، ހެލިޕޭޑެއް ހަދައި، ފެންއަރުވާ ވަޑާމެއް ހަދައި، އެކި ޢުމުރުފުރާގެ ބޭބޭފުޅުން ބޭނުންކުރެވޭގޮތަށް މިތަން ހެދޭނީ. ހަމަ އެހެންމެ އެކިއެކި ހަފްލާތަށްވެސް ބޭއްވޭގޮތަށް މިތަން ހެދޭނީ." މޭޔާރ ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުން މަޢުލޫމާތުދެއްވާގޮތުގައި މިމަސައްކަތުގެ ފުރަތަމަ މަރުހާލާގެ ތެރެއިން މިހާރުވަނީ ސިޓީ ސްކޮޔަރ ގައި ދިދަ ދަނޑި ޖެހުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. އަދި މިމަސައްކަތް މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ނިންމާލައި ދިދަ ނަގާނެކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫއު ކުރިއަށް އޮތް ހަމަސް ދުވަހުގެތެރޭގައި ނިންމާލެވޭނެ ކަމަށް ކައުންސިލުން ލަފާކުރައްވައެވެ.