ޚަބަރު

ޕްރިމިއަރ ލީގް ހަތަރުވަނައަށް އެރެން އޮތް ފުރުސަތު ޔުނައިޓެޑުން ނަގާލައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސް ބަލިކޮށް ތާވަލްގެ ހަތަރުވަނަ މަޤާމަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލައިފިއެވެ.

ވުލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ޔުނައިޓެޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މި ނަތީޖާއާއެކު މިރޭ ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަގޮތަކުން ޕްރިމިއަރ ލީގު ތާވަލްގެ ހަވަނައަށް ޔުނައިޓެޑް ވެއްޓުމުގެ ބިރުވަނީ ހީވެފައެވެ.

ވުލްވްސް އަތުން ދެ ލަނޑު އެއްލަނޑުން ޔުނައިޓެޑް ރޭ ބަލިވިއިރު މިދިޔަ މަހު ކުޅުނު އެފް.އޭ ކަޕުގެ ކުއާޓަރ ފައިނަލުން ޔުނައިޓެޑް ކެޓީވެސް ވުލްވްސް ދޭއް އެކަކުން ބަލިވެގެންނެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ ތޭރަ ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ، ސްކޮޓްލެންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ.
ނަމަވެސް ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 25 ވަނަ މިނިޓްގައި ވުލްވްސްގެ ޑިއޯގޯ ޔޮޓާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެ ވަނަ ހާފް ފަށައިގެން 12 މިނިޓް ތެރޭ ޔުނައިޓެޑްގެ ކެޕްޓަން އެޝްލީ ޔަންގަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާފައެވެ. ވުލްވްސް މޮޅުވި ލަނޑަކީ ޔުނައިޓެޑްގެ ކްރިސް ސްމޯލިން އަތުން މެޗުގެ 77 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ލަނޑެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިހާރު ހާލަތު އޮތްގޮތުން ލީގުގައި އެ ޓީމަށް ބާކީ އޮތް ހަ މެޗުން ވެސް މޮޅުވަން ޖެހިފައިވާ ކަމަށާއި އެއީ ފަސޭހަކަމެއް ނޫން ކަމުގައި ވިޔަސް އެކަން ހާސިލްކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.