ޚަބަރު

ހުއްޓާލި ހުރާ ކައުންސިލް ކަޕްގެ ފައިނަލް މެޗްގެ ފަހު ހާފް މިރޭ ކުޅެނީ


ކ.ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ކުރިޔަށްގެންދާ ކައުންސިލް ކަޕުގެ ފައިނަލުގެ ދެވަނަ ހާފު މިރޭ ކުޅޭނެއެވެ.

މިދިޔަ މަހުގެ ސައުވީސް ވަނަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ ދެވަނަ ހާފުގެ ވަކި ހިސާބަކުން އެފްސީ ސްޓަރޑޭ ސޫޕުން ޖެހި ލަނޑަކާއެކު މައްސަލަ ޖެހިގެން ހުއްޓާލި މި މެޗުގެ ދެވަނަ ހާފު ކުޅެން ފައިނަލްގައި ވާދަކުރާ ދެ ޓީމުކަމަށްވާ ބ.އޭދަފުއްޓަށް ނިސްބަތްވާ ސަޓަރޑޭ ސްޕާއި ހުރައަށް ނިސްބަތްވާ ޓީމް ތްރީޑީ އޮތީ ތައްޔާރަށެވެ.

މެޗަށް ނުކުތުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އެންމެ ފަހުގެ ޗެމްޕިއަން ޓީމް ތްރީޑީގެ ކޯޗު އަތީފް އަހުމަދު ބުނީ، ޓީމު އޮތީ ފައިނަލް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށާއި ޓީމުގައި އެއްވެސް އިންޖަރީއެއްގެ މައްސަލަ ނެތްކަމަށެވެ. އަދި މިރޭގެ ފައިނަލް މެޗަށް ތްރީޑީ ޓީމް ނުކުންނަނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވަން ބޭނުންވާތީކަމަށް ކޯޗު ބުންޏެވެ.
މެޗުގެ ދެވަނަ ހާފު އެކެއް ސުމަކުން ސަޓަރޑޭ ސޫޕް ކުރީގައި އޮވެގެން ފެށިނަމަވެސް މެޗުގެ އެންމެ ފަހުވަގުތާ ހަމަޔަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރާނެކަމަށް އަތީފް ބުންޏެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި ވާދަކުރާ ބ.އޭދަފުއްޓަށް ނިސްބަތްވާ އެފްސީ ސަޓަރޑޭ ސޫޕްގެ ކޯޗު ޖިނާން ހަމީދު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ބުނީ، ފައިނަލް މެޗުގެ ދެވަނަ ހާފަށް ނުކުންނާނީ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށާއި، ނަމަވެސް ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު އަނިޔާގައި ތިބުމުން އެކަމުގެ އަސަރު ކޮންމެވެސްވަރަކަށް ޓީމަށް ކުރާނެކަމަށެވެ.
އެހެންނަމަވެސް އެކެއް ސުމަކުން ސަޓަރޑޭ ސޫޕް ކުރީގައި އޮވެގެން މެޗު ފަށާތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެބައޮތްކަމަށް ޖިނާން ބުންޏެވެ.