ތަރައްްޤީ

ނ.ހެނބަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަނީ


ނ.ހެނބަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިޢުލާންކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ހެނބަދޫގައި ބަނދަރު ތަރައްޤީކުރުމަށް އިޢުލާންކުރައްވާފައިވަނީ ބައިނަލްއަޤްވާމީ ބިޑިންގ އުސޫލުންކަމަށް ފިނޭންސް މިނިސްޓަރީން ވިދާޅުވެއެވެ.

ހެނބަދޫއަކީ ލަފާފުރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މިހާތަނަށް ފާއިތުވި އެއްވެސް ސަރުކާރަކުން އެރަށުގައި ބަނދަރެއް ޤާއިމްކުރައްވާފައިނުވާއިރު، އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ލަފާފުރުގެ ދަތިކަމަށް ހައްލެ ލިބިފައި ނުވުންކަމަށް ރައްޔިތުންބުނެއެވެ.
އެރަށުގެ ބަނދަރު ހަދައިދިނުމަށް ފާއިތުވި ހުރިހާ ސަރުކާރުތަކެއްގައިވެސް ވަޢުދުވިކަމަށާއި، ނަމަވެސް މިހާތަނަށް ހަޤީގަތަކަށް ނުވެއޮތް މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް މިސަރުކާރުންވަނީ ދައުލަތުގެ ބަޖެޓުގައި ވިހި ޕޮއިންޓު ފަހެއް މިލިއަން ރުފިޔާ ހިމަނުއްވާފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ހެނބަދޫ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އިޢުލާންކުރައްވާފައެވެ. އަދި މިއަހަރުގެ ތެރޭގައި އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓާވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙް ވަނީ ކެނދިކުޅުދޫ ދާއިރާގެ ރަށްތަކުގެ ތަސައްވުރުގައިހިމެނޭ މަޝްރޫޢުތައް ތަންފީޒްކުރައްވަން ފަށްޓަވާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ގިނަމަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އިޢުލާނުކުރައްވާފައިވާއިރު، ފަސްދޮޅަސް އިންސައްތަ ނިންމާލެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

އެގޮތުން ކެނދިކުޅުދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެެވެ. އެމަޝްރޫޢު ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް އިޢުލާންކުރައްވާފައިވާއިރު، މިހާރު ވަނީ އެމަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުންފުންޏަކާވެސް ހަވާލުކުރައްވާފައެވެ. އަދި ކެނދިކުޅުދޫގައި ހަދާ މިސްކިތުގެ ބިންގާ އަޅައި، މިހާރު ޢަމަލީ މަސައްކަތް ދަނީ ކުރިއަށެވެ.

އަދި އެއަތޮޅު މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރާނެ ބަޔަކު ހޯދުމަށްވެސް ސަރުކާރުން މިހާރު ވަނީ އިޢުލާންކުރައްވާފައެވެ. އަދި އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހަދަންޖެހޭ ސާރވޭގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާއިރު، އެ އަތޮޅު ކުޑަފަރީގެ ފެނާއި ނަރުދާމާވެސް ޤާއިމްކުރުމަށް ސަރުކާރުން ވަނީ އިޢުލާންކޮށް ބިޑަށް ހުޅުވާލާފައެވެ. އަދި ކުޑަފަރީ ގިރާ ސަރަހައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓާވާނެކމަށް ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހަދާ ސާރވޭގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކެނދިކުޅުދޫ ދާއިރާއަށް ގެންގުޅުއްވާ ތަސައްވުރުގެ ފަސްދޮޅަސް އިންސައްތަ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފުރިހަމަވާނެކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.