ސިޔާސީ

ވެލިދޫ ދާއިރާއަށް ވާދަކުރާ އެމްޓީޑީ ކެނޑިޑޭޓުގެ ކޮރަޕްޝަން މައްސަލައެއް ބަލަނީ


މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެމްޓީޑީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވެލިދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ އާރިފްގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަންސް އޭސީސީން ބަލަން ފަށައިފިއެވެ.

އާރިފްގެ ހިއްޞާ އޮންނަ ސެންޓަރ އެންޓަރ ޕްރައިސަސް ކުންފުނިން ނ. މާފަރު އެއާޕޯޓް ހެދުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ.

އާރިފް ވަނީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު އެ ކުންފުނީގެ ހިއްޞާ ދޫކޮށްލާފައެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތާއެކު މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2008 ވަނަ އަހަރު ޓަގް ބޯޓެއް ބަނުމަށް އާރިފްގެ ހިއްސާ އޮންނަ ސެންޓަރ އެންޓަރ ޕްރައިސަސް އާއި ހަވާލުކުރި ނަމަވެސް އެކަމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީން ވަނީ 2012 ވަނަ އަހަރު އެމަސައްކަތް ހުއްޓުވާފައެވެ.

މިކަމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުން ސިވިލްކޯޓުން ވަނީ ބޯޓް ބެލެހެއްޓުމުގެއަގާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ސެންޓަރ އެންޓަރ ޕްރައިސަސްއަށް 42.7 މިލިއަން ރުފިޔާ ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ހުކުމްކޮށްފައެވެ. އަދި އެމްޕީއެލްއާއި އޭސީސީން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓު ހުކުމްކޮށްފައި ވަނީ ރަނގަޅަށް ކަމަށް ނިންމާ އެ ހުކުމަށް ތާއިދުކޮށްފައެވެ.

ހައިކޯޓުގެ ހުކުމާއެކު އޭސީސީންވަނީ އެމައްސަލަ ބެލި ބެލުމުން ސެންޓަރ އެންޓަރ ޕްރައިސަސްއިން އެ މައްސަލައިގައި ފޯޖް ޑޮކިއުމެންޓެއް ހުށައަޅައިފައިވާ ކަމަށާއި އެމައްސަލަ ނިންމުމަށް ފޯޖް ޑޮކިއުމެންޓް ހުށައެޅިކަން ކަމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ސުނާމީ ކާރިޘާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް އާރިފްގެ ހިއްސާ އޮންނަ މޯރވޭ އަރުން އެކްސެލޯ ކުންފުނިން ލ.އަތޮޅުގައި ހައުންސިންގ އުނިޓްތައް އެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ނިންމާ އޭސީސީން ވަނީ އެކަމުގައިވެސް ދައުވާ ކޮށްފައެވެ.