ޚަބަރު

"ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން"އެއް އެކުލަވާލަނީ


ރާއްޖެ ތަރައްޤީކުރާނިގޮތުގެ "ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން"އެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ދާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުންގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއާގުޅޭ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެން ފަށާފައިވާކަމަށެވެ. މިޕްލޭނަކީ ދުރު ރާސްތާގައި ރާއްޖެއަށް އެންމެ ބޭނުންވާނެ ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ހިމަނައިގެން އެކުލަވާލާ ޕްލޭނެއްކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްލޭނާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންނާނެ ބަދަލުތައް ދުރާލައި ދެނެގަނެވި، ޕްލޭންތައް ހަދާނެކަމަށްވެސް ސަމީރް ވިދާޅުވިއެވެ.

"ޕްލޭނެއް ހެދީމަ ސާފުކޮށް އެބަ އިންގޭ ކުރިއަށް އޮތްތާންގައި ހުޅުމާލެއަށް އަންނާނި ބަދަލުތައް، ރާއްޖޭގެ ރަށްތަކަށް އަންނާނި ބަދަލުތައް" ރައީސް އޮފީހުންގެ މިނިސްޓަރ ޢަބްދުﷲ ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޕްލޭންގެ މަސައްކަތް ކުރާއިރު ކުރީގެ ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ ތެރެއިން، ރައްޔިތުންނަށް ފައިދާވާގޮތަށް ކުރިއަށްދާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެކަމަށެވެ. އެގޮތުން އެއަރޕޯޓްތަރައްޤީކުރުންފަދަ ބައެއް މަޝްރޫޢުތައް މި ސަރުކާރުން ފުރިހަމަ ކުރުމަށް ނިންމައި އެކަންކަން ކުރިއަށްގެންދަވާކަން ސަމީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކޮންމެ މަސައްކަތެއްވެސް ކުރާނީ ރައްޔިތުންގެ ފައިސާ ބޭކާރުނުކޮށް، އެންމެ ޚަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެންކަމަށް ސަމީރު ވިދާޅުވިއެވެ.

"ހޯރަފުށި އެއަރޕޯޓް ކުރިން އޮތް ޕްލޭނަށް މަސައްކަތް ކުރަން މާ ޚަރަދުބޮޑު، އެކަމަކު ރަށާއި ގުޅުވާލީމަ އަގު ހެޔޮވޭ." ސަމީރު ވިދާޅުވިއެވެ.

ސަމީރުވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށްވެސް އަލި އަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ 100 ދުވަސް ހަމަވި ނަމަވެސް ނުނިމި ހުރި މަސައްކަތްތައް ސަރުކާރުން ހުއްޓާނުލާނެކަމަށެވެ.

"ބައެއް މަސައްކަތްތަކަކީ އެކި މުއައްސަސާތައް ހުށައަޅައިގެން، ދިގު މުއްދަތުނަގާ މަސައްކަތްތައް. މިސާލަކަށް ރައްޔިތުން މަޖިލީހަށް ހުށައަޅައިގެން ކުރަންޖެހޭ މަސައްކަތްތައް އެބަހުރި" ސަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ ލާބައަށް ބައްލަވައި ބައެއް ޚިދުމަތްތައް އަގުހެޔޮކުރައްވާފައިވަނީވެސް އެޚިދުމަތްތައްދޭ ކުންފުނިތަކަށް ގެއްލުން ނުވާނެގޮތަށް ބަލައިގެންކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައެޅި މަސައްކަތްކުގެ %83 މަސައްކަތް މިހާރުވަނީ ނިމިފައެވެ.