ޚަބަރު

އޭދަފުށީ މަގުތައް ހެދުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި


ގިނަ ދުވަސްތަކެއްވަންދެއް ހުއްޓިފައި އޮތް، އޭދަފުށީ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި އަލުން ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ މިމަޝްރުޢޫގެ ދަށުން އެރަށުގެ 3.3ތިނެއް ޕޮއިންޓު ތިނެއް ކިލޯމީޓަރު މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން މި މަގުތަކުގައި މަގުބައްތިޖެހުންވެސް ހިމެނެއެވެ.

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢުއަށް ސައުވީސް މިލިއަނަށްވުރެއް ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ. ހައުސިންގ މިނިސްޓްރީއިން ވިދާޅުވެފައިވަނީ ތާރު އަޅާނީ ގޭގެއަށް ފެން ނުވަތަ ނަރުދަމާ ހޮޅި ވައްދަން ޖެހިއްޖެނަމަ، އެކަން ކުރެވޭގޮތަށްކަމަށެވެ. އެރަށަކީ މަގު ހެދުމުގެ ކުރިން ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ނިމިފައިވާ ރަށެކެވެ.

އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިން ކޮންފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއާރްޑީސީންނެވެ. ނަމަވެސް އެ ކުންފުނި ޕަބްލިކްސް ވޯކްސްއަށް އަލުން ބަދަލުކޮށް، ހައުސިންގ މިނިސްޓްރީގެދަށަށް ގެނައުމަށްފަހު އެރަށުގެ މަގު ހެދުމުގެ މަސައްކަތް އޮތީ ދިގު މުއްދަތަކަށް ހުއްޓިފައެވެ.

މަސައްކަތް ހުއްޓާލިއިރު ބައެއް މަގުތަކުގައި ކާނުހަދައި، މަގު އެއްވަރުކޮށް ވަނީ ތާރުއަޅަން ތައްޔާރުކޮށްފައެވެ. މަގުހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު، އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.