ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ.
މި މިމަޝްރޫއުގެ މަސައްކަތް ރައީސް ޞާލިޙް ފައްޓަވައިދެއްވީ ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާރޗް މަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ 16 މަސް ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
ހޯރަފުއްޓަށް ބަދަލުކޮށްފައިވާ އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން އެ އަތޮޅު މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ނަމަވެސް އެކަން ހޯރަފުއްޓަށް ބަދަލުކޮށް ސަރުކާރުން ވިދާޅުވެފައިވަނީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި މި ސަރުކާރުން އެއާޕޯޓް އެޅުން ފަދަ މަޝްރޫއުތައް ނުހިންގާނެ ކަމަށެވެ.
މާފިނޮޅު އެއާޕޯޓް މަޝްރޫއު ހިންގަން އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ފެށި ނަމަވެސް އެ ރަށުގެ ބިން ހިއްކާފައެއް ނުވެއެވެ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރާ އެމްޓީސީސީން ދަނީ ކުޅުދުއްފުށްޓާއި ފުނަދޫއާއި މާވާރުލު އެއާޕޯޓްގެ މަސައްކަތްވެސް ކުރަމުންނެވެ.