ޚަބަރު

މިންތީގެ ތަފާތުކުރުން ނައްތާލުމަށް އޭއަައިބީޑީން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި


ނޫސްވެރިކަމުގެ ދާއިރާގައި މިންތީގެ ތަފާތުކުރުން ނައްތާލުމަށް އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޮޑްކާސްޓިން ޑިވެލޮޕްމެންޓް (އޭއައިބީޑީ) އިން ބޭއްވި ސަރަޙައްދީ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާގެ 9 ޤައުމަކުންވަނީ ބައިވެރިވެފައެވެ.

އޭއައިބީޑީގެ މަސައްކަތް މިއަހަރު ފަށާފައިވަނީ މީޑިއާގެ ދާއިރާގައި މިންތީގެ ތަފާތުކުރުން ނައްތާލުމަށް ޚާއްސަ ސަރަޙައްދީ މަސައްކަތު ބައްދަލުވުމަކުންނެވެ. ރީޖަނަލް ވޯކްޝޮޕް އޮން އެޑްރެސިންގް ޖެންޑަރ ބަޔަސް އިން މީޑިއާގެ ނަމުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންވަނީ ކްލާސްތަށް ނަގާދެއްވާފައެވެ. އެގޮތުން މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ކަލާސްތަށް ނަގައިދެއްވައިފައިވަނީ ބީބީސީގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށް، އިނގިރޭސިވިލާތުގެ މީޑިއާއެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓުރަން އަލީއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޓުރަން އަލީ ވިދާޅުވީ މިފަދަ މަސައްކަތު ބައްދަލުވުމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އަންހެނުންގެ ބާރުވެރިކުރުމުގެ ވާހަކަ ނޫސް އިދާރާތަކުން އަޑުހަރުކޮށް ގޮވަމުންދާއިރު، މީޑިއާތަކުގައި އަންހެނުންގެ ބައިވެރިވުން މަދުވުމަކީ ކަންބޮޑުވާކަމެއްކަމަށް ޓުރަން ފާހަގަކުރެއްވިއެވެ. މިފަދަ އާދަތަށް ބަދަލުކުރުމުގައި ބީބީސީ ފަދަ ދުނިޔޭގެ ބޮޑެތި ޓީވީ ޗެނަލްތަކުން މިސާލު ދައްކާފައިވާކަން ފާހަގަކުރައްވަމުން ޓުރަން ވަނީ މިކަމުން އެންމެން މިސާލު ލިބިގަތުމަށް ގޮވާލައްވާފައެވެ.

"މި ވޯކްޝޮޕްގައި 9 ޤައުމެއްގެ މީޑިއާގެ މައްސަލަތަށް ތަފްސީލީ ނަޒަރަކުން ބަލާލާފައިވޭ. އެގޮތުން ޕްރެސެންޓަރުންނާއި، ޕްރޮޑިއުސަރުން އަދި ކުންފުނިތަކުގެ ވެރިން މި ވޯކްޝޮޕްގައި ބައިވެރިވުމަކީ މި ވޯކްޝޮޕްގެ ކޮންޓެންޓް މުއްދަސި ވިކަމެއް،" ޓުރަން އަލީ ވިދާޅުވިއެވެ.

3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 9 ޤައުމަކުން 19 ފަރާތަކުންވަނީ ބައިވެރިވެފައެވެ. އެގޮތުން، ދިވެހިރާއްޖެ، ސްރީ ލަންކާ، ބަންގަލަދޭޝް، މިޔަންމާ، ބޫޓާން، މެލޭޝިއާ، ނޭޕާލް، ލާއޯސް އަދި ސިންގަޕޫރުގެ ޤައުމީ އަދި އަމިއްލަ މީޑިއާތަކުންވަނީ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައެވެ.

1977 ވަނަ އަހަރު އުފެއްދި އޭއައިބީޑީއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ މީޑިއާތަށް ބާރުވެރިކުރުމުގެ ގޮތުން ޔުނެސްކޯއިން އުފެއްދި ޖަމްޢިއްޔާއެކެވެ. އޭއައިބީޑީގައި މިހާރު ޖުމުލަ 48 ޤައުމަކުން 101 މީޑިއާއެއް ދަނީ ތަމްސީލުކުރަމުންނެވެ.