ޚަބަރު

ފޯރިގަދަ ފައިނަލްގައި ވިލާ ބަލިކޮށް އެމްއެންޔޫއިން ތަށި މިލްކުކޮށްފި


އިންޓަރ ކޮލެޖް ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީއިން މިލްކުކޮށްފިއެވެ. މިއާއެކު މި އަހަރުގެ އިންޓަރ ކޮލެޖް ޔުނިވާސިޓީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށްވެސް ވެގެން ގޮސްފައިވަނީ އެމްއެންޔޫއެވެ.
ސަބަބަކީ އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެންނެވެ. އެގޮތުން އިންޓަރ ކޮލެޖް ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޔޫ ހޯދީ ފައިނަލްގައި ސައިރިކްސް ކޮލެޖް ބަލިކޮށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ރޭ އެމްއެންޔޫ ނުކުތީ ވިލާ ކޮލެޖާއި ދެކޮޅަށް. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އެމްއެންޔޫ ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އެމްއެންޔޫ ގެންދިޔައީ، 25،22 25،18 25،21 އަދި 25،22 ގެ އިތުރުން 15،9 އަކުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ޗެމްޕިއަން އެމްއެންޔޫއިންނެވެ. ނަމަވެސް މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ކާމިޔާބުކޮށް ވިލާ ކޮލެޖުން ވަނީ އެމްއެންޔޫ ސިއްސުވާލާފައެވެ.

އެމްއެންޔޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބަލަން ވަތް މި މެޗުގެ ފަސް ވަނަ ސެޓު 15،9 އަކުން ކާމިޔާބުކޮށް އެމްއެންޔޫ ވަނީ ވިލާ ކޮލެޖް ރޮއްވާލުމަށްފަހު ޗެމްޕިއަންކަން ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނުނު އެމްއެންޔޫ ޓީމުގެ ޝަމާއިލް ހުސައިނެވެ.
ޝަމާއިލްގެ އިތުރުން ޗެމްޕިއަން އެމްއެންޔޫ ޓީމުން ޑްރީމް ޓީމުގައި ހިމެނުނީ މުހައްމަދު ޝަމްވީލް އަދި މުހައްމަދު ޝާމެވެ.
އަދި ވިލާ ކޮލެޖުގެ މުހައްމަދު އަލީ އާއި އަހުމަދު މުހައްމަދުގެ އިތުރުން ސައިރިކްސް ކޮލެޖުގެ އަހުމަދު ރަޒްނީ މުހައްމަދެވެ.