ސިޔާސީ

ވޯޓަރސް ލިސްޓާ ގުޅޭ 7 މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓާރސް ލިސްޓާ ގުޅޭ 7 މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)އިން ވިދާޅުވެއްޖެއެވެ. މަޖިލިސް އިންތިޚާބާ ގުޅޭ ޝަކުވާގެ ހަތް މައްސަލައެއް ހުށަހަޅާފައިވާކަން ހައިކޯޓުންވެސް ވަނީ ޔަޤީންކޮށްދެއްވާފައެވެ.

މަޖިލިސް އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ވޯޓާރސް ލިސްޓާއި ގުޅޭ ހަތް މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް އެކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިހާރު ހައިކޯޓަށްވެސް އެބޮއޮތް 7 މައްސަލައެއް ހަތް ފަރާތަކުން ވޯޓާރސް ރަޖިސްޓްރީއާއު ބެހޭ މައްސަލަ ހުށަހަޅާފައި. އެ ބޭފުޅުންނަށް ވޯޓާރސް ރެޖިސްޓްރީ އަޅުގަނޑުމެން ކަނޑައަޅާފައިވާ އޮތް ތާރީޚްގައި ނުކުރެވިވާތީ އެއާއި ގުޅިގެން ހުށަހަޅާފައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ކުރިމަތިވާ މައްސަލަތައް ހުށަހެޅުމަށް މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ޤައުމީ ކޮމްޕްލެއިންސް ބިއުރޯ ޤާއިމް ކުރުމާއެކު އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އަދި ޤާނޫނުން ލާޒިމްކުރާ ގޮތުގެ މަތީން މިމަހުގެ 26 ވަނަ ދުވަހު އަތޮޅުތަކުގެ ކޮމްޕްލެއިންސް ބިއުރޯވެސް ޤާއިމްކޮށްފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ވަރަށް ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ހުށަހަޅާފައިވާ 71 އެއް ޝަކުވާގެ ތެރެއިން 2 ޝަކުވާއަކަށް ޖާވާބުދާރީވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވަނީ ތިން މައްސަލައެއް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރީ ރެޖިސްޓްރޭޝަނާއި ގުޅޭ ޝަކުވާއަކާއި އިންތިޚާބީ ދާއިރާއާ ގުޅޭ ޝަކުވާއެއްގެ އިތުރުން އިންތިޚާބީ މުއައްޒަފުންގެ ސުލޫކީ މައްސަލައެއް ކަމަށެވެ.

"ރީ ރެޖިސްޓްރޭޝަނާ ގުޅޭ 8 ޝަކުވާ. ރިޝްވަތާ ގުޅޭ 3 ޝަކުވާ. އިންތިޚާބީ ދާއިރާއާ ގުޅޭ 33 ޝަކުވާ. މުއައްޒަފުންގެ ސުލޫކީ މިންގަނޑާ ގުޅޭ 6 ޝަކުވާ. ކެމްޕެއިން ހަރަކާތްތަކާ ގުޅޭ 4 ޝަކުވާ. ވޯޓާރސް ލިސްޓާ ގުޅޭ 8 ޝަކުވާ. ކެނޑިޑޭޓުންގެ ހައްގަށް ނުފޫޒު ފޯރުވާ ކަމުގެ 4 ޝަކުވާ. ފޯޖްރީއާ ގުޅޭ ޝަކުވާ. ކެނޑިޑެންސީއާ ގުޅޭ ޝަކުވާ. އެހެނިހެން 1 ޝަކުވާ. ޖުމްލަ 71 ޝަކުވާ ވަނީ ހުށަހަޅާފައި." ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ އެ ކޮމިޝަނުން އަމަލު ކުރާނީ ޤާނޫނީ އިމުގެ ތެރެއިން ޤާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި އިންތިޚާބުތަކާއި ގުޅިގެން ޝަކުވާ ހުށަހެޅި ނަމަވެސް ޤާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.