ޚަބަރު

މަޖިލިސް އިންތިޚާބު ލަސްކުރަންޖެހޭ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނެތް - ޝަރީފް


އަންނަ ހޮނިހިރު ދުވަހުބާއްވަން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަންޖެހޭ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ވަމުންދާ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެއްންވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެހިދާނެ ފަދަ އެއްވެސްކަމެއް އެކޮމިޝަނުން ކޮށްފައި ނުވާނެކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި ހުރިހާކަމެއްވެސް ކުރިއަށްދަނީ އެއްވެސް މައްސަލައެއް ދިމާނުވެ އިންތިޚާބު ބޭއްވޭނެ ފަދަ ގޮތަކަށް އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ.

"ޤާނޫނުގައިވާގޮތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދީގެން ކަންކަމުގައި ޤާނޫނުން ކަނަޑައަޅާފައި ހުރި ތާރީޚުތަކާއި ކަނޑައަޅާފައިހުރި މުއްދަތާއި ވީހާވެސް ކައިރިނުވެ، ބްރީތިންގ ސްޕޭސްވެސްލައިގެން މަސައްކަތްކުރަމުންމިދަނީ. އެހެންވީމަ ޤާނޫނުގައި ވަކިގޮތަކަށް އޮވެގެން އެއަށް އީސީން އަމަލުނުކޮށްގެނޭކިޔާފައި މިއިންތިޚާބު ލަސްކުރަންޖެހޭނެ އެއްވެސް ފުރުޞަތެއް މިފަހަރު ނޯންނާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ބަދަލު ގެނައިއިރު ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރީ ރަޖިސްޓަރ ކުރުމަށް ފުރުޞަތު ދީފައިނުވާކަމަށްބުނެ އިންތިޚާބު ލަސްކުރަން ބަޔަކު މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެފަދަ ހުރިހާ ކަމަކަށް އެ ކޮމިޝަނުން އޮތީ ތައްޔާރަށްކަމަށާ، ޤާނޫނީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް އެކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބު ލަސްކުރުމަށް އެއްވެސް ފުރުޞަތެއް އެ ކޮމިޝަނުން ނުދެއްވާނެކަމަށެވެ.

ޝަރީފް ވިދާޅުވީ ތިރީސް މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން މަޖިލިސް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް އިންތިޚާބު ލަސްކުރުމަކީ އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެއްކަމަށެވެ.

"އޮފިޝަލުންގެ އުޖޫރައާއި އިންތިޚާބުގެ ދުވަހުގައި ޚަރަދުކުރާ އުޖޫރައާއި އެއްޗެހި ނުލާ މިހާރުވެސް ގާތްގަނދަކަށް ތިރީހަކަށް މިލިޔަން ޚަރަދުވެފައިވާކަމަށް ވަންޏާމުން އަޅުގަނޑު ގަބޫލުކުރަނީ އިތުރަށް ލަސްވެއްޖެނަމަ ވިއްސަކަށް މިލިޔަން ދައުލަތުން މިކަމުގައި އިތުރަށް ޚަރަދުކުރަންޖެހޭނެ" ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ މިއަދު ވިދާޅުވެފައެވެ.