ޚަބަރު

100 ދުވަހުގެ ތެރޭގައި ސްވިމިންގ ޕޫލްގެ މަސައްކަތް ނުފެށުނީތީ މަޢާފަށް އެދެން - ޢަލީ ވަޙީދު


ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޔޫތް މިނިސްޓްރީން ކުރަން ކަނޑެއެޅި ކަންތައްތަކުގެ ތެރެއިން ފުރިހަމަނުވެ އޮތް ހަމައެކަނި ކަމަކީ އޮލިމްޕިކް ސައިޒްގެ ސްވިމިންގެ ޕޫލްގެ މަސައްކަތްކަމަށާއި، އެމަސައްކަތް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުފެށުނީތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް އެކްޓިންގ ޔޫތް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ސްވިމިންގ ޕޫލް އެޅުމަށް ބޭނުންވާ ބިން މިހާރު މާލެއިން ލިބިފައިވާކަމަށެވެ. ނަމަވެސް އެބިމަކީ މިވަގުތު އާބިޓްރޭޝަންގައި އޮތް ބިމަކަށްވާތީ، އެ މަސައްކަތް ފެށުން ލަސްވެގެން ދިޔައީ ކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވީ، މި ސަރުކާރަކީ އިންތިޙާބުތަކާއި ދިމާކޮށް ކަންކަން ކުރުމަށް ބިންތަކުގައި ކަޑަ ޖަހާ ސަރުކާރަކަށް ނުވާނެކަމަށެވެ. އަދި ކުޅިވަރުގެ އެއްވެސް ކަމެއް ސިޔާސީ ކުރަން ބޭނުން ނުވާކަމަށްވެސް ޔޫތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަލީ ވަޙީދު ވިދާޅުވިއެވެ
.
"ސްވިމިންގ ޕޫލް އެޅުމަށް މާލެއިން އަޅުގަނޑުމެންނަށް ބިމެއް ލިބިފައި އެބައޮތް. އެހެންނަމަވެސް އެބިމަކީ މިވަގުތު އާބިޓްރޭޝަންގައި އޮތް ބިމަކަށްވާތީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މަޑުކޮށްލައިގެން މިތިބީ. ދެން ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދެން ސަތޭކަ ދުވަހުގެ ތެރޭގައި މިކަން ނުފެށުނީތީ. އަޅުގަނޑުގެމެންގެ ސަރުކާރަކީ އިންތިޙާބުތަކާއި ދިމާކޮށް ކަންކަން ކުރުމަށް ބިންތަކުގައި ކަޑަ ޖަހާ ރައްޔިތުން ލޮލުގައި އަނދުންއަޅުވަން މަސައްކަތްކުރާނެ ސަރުކާރެއް ނޫން". ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ހުޅުމާލޭގައި މިހާރު ސްވިމިންގެ ޕޫލެއް އަޅާ ނިމިފައި އެބައޮތް ކަމަށާއި، އެހެންނަމަވެސް އެއީ އޮލިމްޕިކް ސައިޒުގެ ޕޫލެއް ނޫންކަމަށެވެ. އާއްމުންނަށް އެ ޕޫލް ބޭނުންކުރެވޭނެގޮތް ހެދުމުގެ ގޮތުން އެޗްޑީސީ އާއެކު ޕޮލިސީ ލެވެލްގައި ބައްދަލުކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މިކަން ހައްލުކުރުމަށްޓަކައި މިދިޔަ ހަތަރު ސަރުކާރުން ވެސް ވަނީ އެކި ޕްލޭންތައްކޮށްފައެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ޕޫލް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެއެވެ.