ޚަބަރު

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އައްޑޫ ސިޓީއަށް 2 ޖަނަރޭޓަރު ގެންގޮސްފި


އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން އައްޑޫއަށްސިޓީއަށް ދެ ޖަނަރޭޓަރު ގެންގޮސްފިއެވެ.

ފެނަކައިން އައްޑޫ ސިޓީއަށް ގެންގޮސްފައިވަނީ 1 މެގަވޮޓާއި 8 ކިލޯ މެގަވޮޓްގެ ދެ ޖަނަރޭޓަރެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގެނައި ދެ ޖެނެރޭޓަރުގެ އިތުރަށް ޓްރާންސްފޯމާއެއްވެސް އައްޑޫ ސިޓީއަށްވަނީ ގެނެސްފައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭ މަޢުލޫމާތުވެސް އޮޅުންފިލުއްވާފައެވެ. އަދި މިހާރުގެ ކަރަންޓުގެ ހާލަތާއި ކުރިއަށް އޮތްތާނގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމަށް ހައްލެއް ގެނައުމާ ގުޅޭގޮތުންވެސް ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.