ތިމާވެށި

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނަން


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި މެދު އަޑުއުފުލައި، އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް ފަސްނުޖެހޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، ނިއުޔޯކްގައި ހުންނަ އދ.ގެ ހެޑްކުއާރޓާރސް، ޔޫ.އެން.އެޗްކިއުގައި "ކްލައިމެޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޮރ އޯލް" ނަމުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރުގައެވެ.

މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ މޫސުމަށް އަންނަ ބަދަލަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވާފައިވާ އެއް ދާއިރާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި މެދު އަޑުއުފުލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މި ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޤައުމީ ފެންވަރުގައި ރާއްޖެއިން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެހެން ޤައުމުތަކުންވެސް ލަސްނުކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ނިއުޔޯކްގައި ހުންނަ އދ.ގެ ހެޑްކުއާރޓާރސް ކުރިއަށްދިޔަ ބައްދަލުވުމާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ކުރެއްވި ޓުވީޓު

މި ބައްދަލުވުމުގައި ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ކުދި ޤައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތައް ކުރުމަށް ފައިސާ އާއި ވަސިލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށް ގެންދިއުމަށް، ދެމެހެއްޓެނިވި ގޮތުގައި ފައިސާ ފޯރުކޮށްދިނުމަށާއި، އިންސާނީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ތަރައްގީވެފައިވާ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާއާއި ޕެރިސް އެގްރީމެންޓްގައި ފޯރުކޮށްދޭން ވަޢުދުވެފައިވާ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. އަދި ގްރީން ކްލައިމެޓް ފަންޑްގެ ސްޓޮކް އައުކުރުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން ފޯރުކޮށްދޭން ވަޢުދުވެފައިވާ ފައިސާވެސް ލަސްނުކޮށް ފޯރުކޮށްދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މި ބައްދަލުވުމަކީ އ.ދ ގެ އާއްމު މަޖިލީހުގެ ރައީސްގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުން ރައްކާތެރިވެ، މިހާރާއި އަދި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓަކާއި، އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީގޮތުން ރައްކާތެރި މާހައުލެއް ބިނާކުރުމާއި ގުޅޭގޮތުންނެވެ.