ޚަބަރު

ފަސް ރަށެއްގެ ފެނުގެ ނިޒާމާއި 4 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފި


ފަސް ރަށެއްގެ ފެނުގެ ނިޒާމާއި 4 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް މި ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުތަކުގެ ދަށުން ހދ.ނޮޅިވަރަމުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް ޖޮއިޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިން ސަވިސަސް ކިޔާ ކުންފުންޏަކާއެވެ. 25 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް 2 އަހަރުދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން ނޮޅިވަރަމުގެ ފެނުގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނުގެ ވިޔުގަ އެޅުމާއި، އާރު.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ.އުލިގަމާއި ގއ.ކަނޑުހުޅުދޫއާއި ތ.ކިނބިދޫއާއި ނ.ކެނދިކުޅުދޫގައެވެ.

މި ރަށްތަކުގައި ފެނާއި ނަރުދަމާ ނިޒާމް ޤައިމްކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެތެރޭ ނިންމުމަށް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ހއ.އުލިގަމުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއަށް 36 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި ގއ.ކަނޑުހުޅުދޫއާއި ތ.ކިނބިދޫގައި ހިންގާ މަޝްރޫޢަށް 38 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި ނ.ކެނދިކުޅުދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 58 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

މި މަޝްރޫޢުތައް މި ކުންފުންޏާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެހެންކަމުން މި ރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ މަސައްކަތްވެސް ކުރާނީ މި ކުންފުނިންނެވެ. މީގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމްކުރުންމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް މި ކުންފުނިން ކުރާނެއެވެ.