ޚަބަރު

އާބާދީ މަދު ރަށްތަކަށް އަމާޒުކޮށް ފުޓްސަލް ދަނޑުތައް އަޅަނީ


ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީ މަދު 21 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ނިންމާފައިވާކަމަށް ޔޫތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފުޓްސަލް ދަނޑުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކްޓިންގ ޔޫތް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ފުޓްސަލް ދަނޑުތައް އަޅަން ނިންމާފައިވާ 21 ރަށަކީ ޗައިނާގެ އެހީއާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުތަކެއްކަމަށެވެ.

ޗައިނާގެ ކުންފުއްޏަކުން އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުތައް އާޅަ ރަށްތަކަކީ، ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫއެވެ.

ޢަލީ ވަހީދު ވިދާޅުވީ މިފަހަރު ފުޓްސަލް ދަނޑު އަޅަން ނިންމި އެކާވީސް ރަށަކީ ކުރީގެ އެއްވެސް ސަރުކާރަކުން ފުޓްސަލް ދަނޑު އަޅާފައިނުވާ ރަށްތަކެއްކަމަށެވެ. އަދި މީގެ ކުރިން ދަނޑުތައް އަޅާފައިހުރީ އާބާދީ ބޮޑެތި ރަށްތަކުގައި ކަމަށާއި، ނަމަވެސް މިފަހަރު ޢިއުލާން މިކުރި އެކާވީސް ރަށުގެ ތެރޭގައި ގިނަވާނީ އާބާދީ ވަރަށް މަދު ރަށްތައްކަމަށް، ވަގުތީ ގޮތުން ޔޫތް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަލީ ވަޙީދު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން، މީގަ ތިބޭފުޅުންނަށްވެސް ފާހަގަވާނެ ވަރަށް ކުޑަ އާބާދީ ހިމެނޭ ރަށްތައްވެސް ހިމެނިގެން މިދިޔައީ. މީގެ ކުރިން އަބަދުވެސް އިވިގެން މިދަނީ ބައެއް ފަހަރު ބޮޑެތި ރަށްތަކަށް އެކަނި. ދެން އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ވަރަށް ބޮޑަށް މިއޮތީ ހުރިހާ ރައްޔިތުންވެސް ބައިވެރިވެގެން ދާގޮތެއްގައި ވާން. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށްވެސް ހަމަހަމަ ގޮތެއްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ފޯރުކޮށްދިނުން". ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުން އެފްއޭއެމް އާ ހަވާލުކޮށްފައިވާ ދަނޑުތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް، މިއަދު އެފްއޭއެމްއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެމްއާރްޑީސީ އާ ހަވާލު ކުރެވިފައިވާ ދަނޑުތަކާ މެދުވެސް ވަރަށް އަވަހަށް ވަކި ގޮތެއް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ދަނޑުތައް އިމާރާތް ކުރަން ބޭނުންވާ ސާމަނު ރަށްރަށަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފެށިގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.