ޚަބަރު

ތަރިކައަށް ގެއްލުންދޭ މީހުން ޖޫރިމަނާވާ ބިލު މަޖިލީހަށް ފޮނުވައިފި


ތަރިކައަށް ގެއްލުންދޭ މީހުން ބޮޑު ޢަދަދުން ޖޫރިމަނާވާ ގޮތަށް އެކުލަވާލައިފައިވާ ތަރިކައިގެ ބިލު މަޖިލީހަށް ފޮނުއްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރަން ވައުދުވެފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ މި ބިލުގައި ބުނެފައިވަނީ ތަރިކައަށް ގެއްލުންދޭ ފަރާތެއް އެއްލައްކަ އާއި އެއް މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ތަރިކައަށް ގެއްލުންދޭ ފަރާތަކަށް ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް އެ ބިލުގައި ވެއެވެ.

މި ބިލުގައި ބުނެފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ އުފުލުމަށް "ކަލްޗްރަލް ހެރިޓޭޖު ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ވާނެ ކަމަށެވެ. އަދި އެ އިދާރާއަކީ ހެރިޓޭޖު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. ތަރިކައަށް ގެއްލުންދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނީވެސް މި އެޖެންސީގެ ފަރާތުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވަނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ތެރޭގައި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް އެކި ކަންތަކަށް ހަރަދު ކުރުމަށް ހެރިޓޭޖު ޓްރަސްޓު ފަންޑެއް ގާއިމްކުރަންޖެހޭނެ ކަމަށެވެ. މި ފަންޑުގެ ފައިސާ ޚަރަދު ކުރާނީ ސަގާފީތަރިކައިގެ ގޮތުގައި ދަފްތަރު ކޮށްފައިވާ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ތަރިކަ ރައްކާތެރިކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި ސާވޭތަކަށް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.