ސިއްހަތު

އައްޑޫ ސިޓީ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިންމައި 5 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހަވާލު ކުރަނީ


އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިންމައި 5 މަސްދުވަހުގެ ތެރޭގައި ހެލްްތް މިނިސްޓްރީއާއި ހަވާލުކުރާނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކޮންވެސްޝަން ސެންޓަރު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ ހޮސްޕިޓަލުގައި މިހާރު ނުނިމިހުރީ ފަރުނީޗަރާއި، ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި، ފަރުނީޗަރު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން މިއަދުވަނީ "މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި" ހަވާލުކޮށްފައެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަރުނީޗަރ ސަޕްލައިކޮށްދިނުމާއި، އިންސްޓޯލްކޮށްދިނުމާއި، މެޝިންތައް ޓެސްޓްކުރުމުގެ އިތުރުން އިކުއިޕްމަންޓުތައް ބޭނުންކުރާނެގޮތުގެ ތަމްރީނުވެސް ހޮސްޕިޓަލްގެ މުއައްޒަފުންނަށް ދޭން ޖެހެއެވެ.

މި މަސައްކަތް މެޑްޓެކްއާއި ހަވާލުކޮށްފައިވަނީ 3 މަހާއި 5 މަސް ދުވަހާ ދެމެދުގެ މުއްދަތެއްގައި ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދެވެ. އަދި މެޑްޓެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޙްމަދު ހައިކަލްއެވެ. މި މަސައްކަތައް 12މިލިއަން ޑޮލަރަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވީ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ މަސައްކަތްތައް އެ ހޮސްޕިޓަލަށް ބަދަލުކުރާނެކަމަށެވެ. އަދި ސިވިލް މަސައްކަތް ނިންމާ، ފަސް މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލް ހެލްތް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރަނީ ދައުލަތުގެ ބަޖެޓުންނާއި އޮފިޑާއި، ސަޢޫދީ ފަންޑުގެ އެހީއާވެސް އެކުގައެވެ. މި ހޮސްޕިޓަލާއެކު، އެނދުގެ އަދަދު އިތުރުވެ، ސްޕެޝަލިސްޓް އިތުރު ޚިދުމަތްތައްވެސް ލިބޭނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017ވަނަ އަަހަރުގެ ޖެނުއަރީމަހުގައެވެ. މި މަސައްކަތް ކޮށްފައިވަނީ ޢެލިއާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ.