ސިޔާސީ

ކުޑަކުދިންގެ ޢަދުލުގެ ބިލާމެދު ޚިޔާލު ހޯދުމަށް މަޝްވަރާކޮށްފި


މިމަހުގެ ކުރީކޮޅު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ޢަދުލުގެ ބިލާމެދު މި ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާ ތަކުގެ ޚިޔާލުހޯދުމަށް "އާކް" އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "އާކް" އާއި ޔުނިސެފް ގުޅިގެން ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައިވަނީ މި މަހުގެ ކުރީކޮޅު ސަރުކާރުން މަޖިލީހަށް ހުށަހެޅި ކުޑަކުދިންގެ ޢަދުލުގެ ބިލާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތަކުގައި ސަރުކާރުގެ ވުޒާރާތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި އާކްގެ މެނޭޖިންގ ޑިރެކްޓަރ މުރުތަޟާ މޫސާ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ކުޑަކުދިންގެ ޢަދުލުގެ ބިލަށް އިތުރު އިސްލާޙު ގެންނަން މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެފަދަ ބިލެއް ޤާނޫނަކަށް ހެދުމުގެ މަސައްކަތްކުރާއިރު މި ދާއިރާގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުށްކުރާ ކުޑަކުދިންގެ ކަންކަން ބެލެހެއްޓުމާއި އެކުދިންގެ ޒިންމާ ނެގުމަށްތިބި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކުޑަކުދިން ކުށްކުރަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަންކަމަށް އެކަށީގެންވާ ޙައްލު ހޯދުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަމަށާ ކުށުގެ މާޙައުލަށް އަލަށް ނުކުމެވޭ ކުދިންގެ ޢަދަދު މަދުކުރުމަށާ މިހާރުވެސް ކުށުގެ ވެށީގައި ދެމިތިބި ކުދިން އަލުން އަނބުރައި މުޖުތަމަޢަށް ނެރުމަށްޓަކައި އެކުދިން ތައްޔާރުކުރުމަށް ކަމާބެހޭ އެއްމެހައި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާ ކަމަށެވެ.

"މި މަޝްވަރާތަކުގެ އަލީގައި ލިބޭ މަޢުލޫމާތުތައް އަޅުގަނޑުމެން ހިމަނާނަށް ހުށަހަޅާނަން ރައްޔިތުންގެ މަޖިލީހަށް. އަދި އެކަންތައްތައް މަޖިލީހުގެ ޤާނޫނުނުގައި ހިމެނޭތޯ ވަރަށް ބޮޑަށް ލޮބީކޮށް މަސައްކަތް ކުރާނަން." މުރުތަލާ ވިދާޅުވިއެވެ.

މިމަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ މިފަދަ މަޝްވަރާތަކަކާނުލައި ކުޑަކުދިންގެ ޢަދުލުގެ ބިލް އެންމެ ފުރިހަމައަށް ފަރުމާ ނުކުރެވޭނެކަން ފާހަގަކުރައްވާފައެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ ފައިދާ ލިބިގެންދާނެކަން އެފާރަތްތަކުން ފާހަގަ ކުރެއްވިއެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރ ފާތިމަތު މުނާ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުޑަކުދިންގެ ޢަދުލުގެ ބިލަކީ މިހާރުން މިހާރަށްވެސް ޤާނޫނަކަށްވުން ލާޒިމު ބިލެއްކަމަށާއި އެހެންނަމަވެސް އެބިލް ޤާނޫނަކަށް ހަދާއިރު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ލިބޭ ހިޔާލުތައް ބިލްގައި ހިމެނުމުން އެ ބިލް އިތުރަށް ފުރިހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބިލް އިތުރަށް ފުރިހަމަވެގެންދާނެ. މި ބިލަކީ އަޅުގަނޑުމެން ތަންފީޒުކުރަން ބަލައި ބިލަކަށްވާއިރު ވަރަށް ބޮޑަށް ބަލަންޖެހޭ ހުރިހައި ގޮންޖެހުންތަކާއި އަދި މިހާރުގެ ހާލަތައް ބަލާފައި މި ބިލް ތަންފީޒު ކުރެވޭނެ ގޮތަކަށް ވަސީލަތްތަކާއި ކަންތައްތައް ހަމަޖެއްސުން މުހިންމު." މުނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް ތަފާތު ގްރޫޕްތަކަށް ބަހާލައިގެން މަޝްވަރާކޮށް އެކި ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާއިރު މިބައްދަލުވުމުގައި އެއްބަސްވެވޭ ކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދި މި ބިލާ ގުޅޭގޮތުން ކުޑަކުދިންގެ ޚިޔާލު ހޯދުމަށާއި މަޝްވަރާ ކުރުމަށްވެސް ޚާއްސަ ބައްދަލުވުންތަކެއް ބެއްވުމަށް ވަނީ ނިންމާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޕީޖީ އާއި އޭޖީ އޮފީހާއި އެޑިއުކޭޝަން އާއި ޖުވެނައިލް ޖަސްޓިސްއާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ސުޕްރީމް ކޯޓާއި ކުޑަކުދިންގެ ކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޝީ އާއި ކަރެކްޝަނަލް ސާވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ނެޝެނަލް ޑްރަގް އެޖެންސީއާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އާކް އަދި ޔުނިސެފްގެ މަންދޫބުން ބައިވެރިވެފައިވެއެވެ.