ސިޔާސީ

ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވީ މަޖިލިސް ތެރެެއިން ކަންކަން ނުވުމުން - ރައީސް


ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދިނުމުގެ މަސައްކަތް ފެއްޓެވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ އެދެވޭ ގޮތައް ކަންކަން ކުރިއަށް ނުދާތީކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓައް ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުން ކުރަންޖެހޭކަންކަން މިހާތަނައް ބޭނުންވި ސްޕީޑްގައި ކުރެވިގެން ނުދާކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް އެގޮތަށް މަސައްކަތެއްކުރާ ތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޤާނޫނީ ބާރު ލިބިގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ފުރިހަމަ ބަދަލުތަކެއް ރާއްޖެއަށް ގެނެވޭކަށްނެތް. މަޖިލިސްގެ ތެރޭގައި ކުރަންޖެހޭކަންކަން މިހާތަނައް އަޅުގަނޑުމެން ބޭނުންވި ސްޕީޑްގައި ކުރެވިގެނެއް ނުދޭ. މަޖިލީހުގެ މެޖޯރިޓީއޮތް ނަމަވެސް އެކަން ފުރިހަމަ ވެގެންދާ ތަނެއް އަޅުގަނޑަކަށް ފެނިގެނެއް ނުދޭ. އަޅުގަނޑަށް މި ކެމްޕެއިންގައި ނިކުމެ އަމަލީ ގޮތުން މަސައްކަތް ކުރަންޖެހުނު ހިސާބަކީއެއީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގެ ކެމްޕެއިން ކުރިއަށްދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ގަބުލުނުކުރެވޭކަމަށާއި، އެހެންކަމުން ރައީސް އަމަލީ ގޮތުން މި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެ، ސަރުކާރުން ބޭނުންވާ ބަދަލުތަކެއް ގެނައުމަށް ތާއީދުކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް ނިކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ކަހަލަ ރައްޔިތުންގެ މަޖިލީހެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަކަށް ނުކުރެވޭ. އެހެންކަމުން އަޅުގަނޑު އަމަލީ ގޮތުން މި ކެމްޕެއިނުގައި ބައިވެރިވެ އަޅުގަނޑުމެން މި ބޭނުންވާ ބަދަލުތައް ގެނައުމަށް ތާއީދުކުރާ އަޅުގަނޑުމެންގެ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް ނިކުންނަން މަޖުބޫރުވި." ރައީސް ވިދާޅުވިއެވެ.

އައްޑޫސިޓީ ތަރައްގީ ކުރުމަށްޓަކައި ގިނަ ވައުދުތަކެއް ސަރުކާރުން ވެފައިވާއިރު، މިކަންތައްތައް ހާސިލް ކުރުމަށްޓަކައި ބޭނުންވާ މާލީ ފުދުންތެރިކަން ހޯދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، މިސަބަބަށްޓަކައި މަޖިލީހުގެ މެޖޯރިޓީ އެމްޑިޕީއަށް ލިބުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.