ސިޔާސީ

ރައީސް ޞާލިޙު އައްޑޫ ސިޓީއަށް ވަޑައިގެންފި


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭނު ހަރަކާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުގައި ފޭދޫ ސްޓޭޑިއަމްގައި ބާއްވާ ފުޓްބޯޅަ މެޗެއް ޝަރަފުވެރި ކޮށްދެއްވާނެއެވެ. އަދި އައްޑޫގެ ބައެއް ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޑޫއަށް ކުރައްވާ ދަތުރުފުޅަކީ އައްޑޫގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް މިހާރު އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮޖެހުންތަކުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ހިމެނޭކަމުން އެމަނިކުފާނު ހިތަދޫ ޕަވަރ ސްޓޭޝަނަށްވެސް ޒިޔާރަތް ކުރައްވައި ފެނަކައިގެ އޮފިޝަލުންނާއި ބައްދަލުކުރައްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް ފޭދޫ ސްކޫލަށް ޒިޔާރަތް ކުރައްވާ އެ ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް އައްޑޫގެ ވިޔަފާރިވެރިންނާއިވެސް ރައީސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް މިއަދު އައްޑޫއަށް ވަޑައިގަންނަވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުވައްމުލަކާއި ތިނަދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ. މީގެ ކުރިންވެސް ރައީސްވަނީ އެމްޑީޕީގެ އެޖެންޑާ 19 އައްޑޫ ކެމްޕެއިނަށް ވަޑައިގެން އައްޑޫގެ ކެމްޕެއިންގައި ބައިވެރިވެ ވަޑަައިގެންފައެވެ. ރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވައި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.