ސިޔާސީ

ޝަރުޢީ ދާއިރާ އިޞްލާޙު ކުރެވޭނީ މަޖިލީހަކީ ނަޒާޙަތްތެރި ތަނަކަށް ހަދައިގެން - ރައީސް


ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ޝަރުއީ ދާއިރާ އިސްލާހް ކުރެވޭނީ ކޯޓްތަކަށާއި ފަނޑިޔާރުންނަށް ސިޔާސީގޮތުން ފޯރުވާ ނުފޫޒު ހުއްޓުވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ބޮޑު ކަމަކަށް ފުރިހަމަ ނުކުރެވި އޮތީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ނަމަވެސް މި ސަރުކާރުން ޝަރުޢީ ދާއިރާއެއް އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކޮށް ހަމަ މަގަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހަކީ ނަޒާހާތްތެރި ތަނަކަށް ހަދައިގެން، މަޖިލިސްގެ ތެރެއިން ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނީ ޝަރުއީ ދާއިރާގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ އެ ދާއިރާ އަޅުވެތިކޮށްފައިވާ ކަމަށް ވިދާޅުވެ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޞާލިޙް ވަނީ ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގަންނަވާފައެވެ. އަދި ކުރިއަށް އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އެކުލަވާލި އެޖެންޑާގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.