ސިޔާސީ

އާދީއްތަ ދުވަހާއި "ފޭރުން" ކޮން ގުޅުމެއް؟


ފަހަކަށްއައިސް ރާއްޖޭގެ ކުށުގެ ވެށީގައި އެންމެ ގިނައިން ހިނގާ އެއްކަމަކީ މީހުންގެ މުދަލުން ވައްކަންކުރުމާއި ފޭރުމުގެ މައްސަލަތަކެވެ. ފޭރުމަކީ ރާއްޖޭގައި އެހައި ޢާއްމު ކަމަކަށް ނުވިނަމަވެސް ބޮޑެތި ޢަދަދުތަކުން ފައިސާ ފޭރުމުގެ މައްސަލަތައް ހިނގައެވެ.

މި އަހަރުގެ މިހާތަނަށް އާއިރު ފޭރުމުގެ މައްސަލަތައް މިވަނީ ޢާންމުން ކަންބޮޑުވާ މިންވަރަށް އިތުރުވެގެން ގޮސްފައެވެ. މިލިއަނުން މިލިއަނުން ފައިސާ ފޭރުމުގެ އެތައް މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. މާލޭގެ ހަލަބޮލި މާހައުލުގައި ފޭރުމުގެ މައްސަލަތައް މިވަނީ ޢާންމު ކަމަކަށްވެފައެވެ. މިހާތަނަށް ހިނގާފައިވާ މިފަދަ ފޭރުމުގެ ޢަމަލުތައް ހިންގާފައިވަނީ ވަރަށް ބޮޑަށް ރާވައިގެން "އޯގަނައިޒްޑް ކްރައިމެއްގެ" ގޮތުގައިކަން ފުލުހުން ފާހަގަކުރައްވައެވެ.

ޖެނުއަރީ20 ، 2019 - އާދިއްތަ

މިއަހަރުގެ ފުރަތަމަ ފޭރުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ 20ވަނަ ދުވަހުއެވެ. ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އިން ގިނަ ޢަދަދެއްގެ ފައިސާ އިސްލާމިކް ބޭންކްގެ ހުޅުމާލޭ ބްރާންޗަށް ޖަމާކުރުމަށް ގެންދިޔަ މަގުމަތީގައިވަނީ އެފައިސާ ހިފައިގެން ދިޔަ މީހާގެ މޫނުމައްޗަށް "މޫވް" ސްޕްރޭ ޖެހުމަށްފަހު ވަނީ ފައިސާތައް ފޭރިގެންފައެވެ. އެއީ ގާތްގަނޑަކަށް ދުއިސައްތަ ފަންސާސް ހާސް ރުފިޔާއެވެ. އެ ފައިސާތައް ފޭރުނީ ދެމީހަކު ބައިވެރިވެގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

ފެބުރުއަރީ 10، 2019 - އާދީއްތަ

ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ ހޮރައިޒަން ފިޝަރީޒް ކުންފުނީގެ ސަތޭކަ ފަސްދޮޅަސް ހާސް ރުފިޔާގެ ޗެކެއް މާލޭގެ ޒިޔާރަތް މިސްކިތް ކައިރިން ފޭރިގަނެފައިވަނީ މިއަހަރުގެ ފެންބުރިއަރީމަހުގެ 10ވަނަ ދުވައެވެ. މި މައްސަލާގައި އެއްވެސްމީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

ފެބުރުއަރީ 17، 2019 - އާދީއްތަ

މިއަހަރުގެ މިހާތަނަށް ހިނގި ފޭރުމުގެ 7 މައްސަލއިގެ ތެރެއިން ދެ މައްސަލަ ހިނގާފައިވަނީ ހުޅުމާލޭގައެވެ. ދެވަނަ ހާދިސާގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ހަމަލާދިނުމަށްފަހު ވަނީ ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައެވެ. ހުޅުމާލޭ "ރޫޓް" ފިހާރައިގެ ފައިސާތައް ފޭރިގެންފައިވަނީ ފައިސާތައް ހިފައިގެން ވޭނަކަށް އަރަނިކޮށް ސައިކަލެއްގައި މޫނު ނިވާކޮށްގެން ތިބި ދެ މީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައިވެސް މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

ފެބުރުއަރީ 19، 2019 - އަންގާރަ

މިދުވަހު ތޫނު އެއްޗަކުން ބިރު ދައްކައިގެން ބައި މިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ރުފިޔާ ފޭރިގެންފައިވަނީ ސައިކަލުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއްކަމަށްވާ އެކްސްޕާޓް މޮޓޯގެ އޮފީހަށް ސައިކަލެއްގައި ފައިސާ ގެންދަނިކޮށެވެ. އެފައިސާތައް ފޭރިގެންފައިވަނީ ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ފައިސާ ހިފައިގެން ދިޔަ މީހާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައިގައިވެސް އަދި މީހަކު ހައްޔަރުކޮށްފައެއްނުވޭ.

ފެބުރުއަރީ 20، 2019 - ބުދަ

މިދުވަހު މާލޭގައި އިތުރު ފޭރުމުގެ މައްސަލައެއް ފެންމަތިވެފައިވަނީ، މާފަންނު އަޅިވިލާ މަގުން ހިނގާފައިދިޔަ މީހެއްގެ އަތުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. 840 ޑޮލަރު ނުވަތަ ގާތް ގަނޑަކަށް ތޭރަ ހާހެއްހައި ރުފިޔާ ފޭރުނު މައްސަލާގައި ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ.

މާރިޗް 10، 2019 - އާދިއްތަ

މިދުވަހުވެސް ވަނީ އެތައް މިލިއަން ރުފިޔާއެއްގެ ފޭރުމުގެ ހާދިސާއެއް ހިނގާފައެވެ. ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި ކައިރިން ދިޔަ އިންޑިއާގެ ރައްޔިތަކަށް ވަޅިން ހަމަލާދީ، 2.3 މިލިއަން ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލާގައި ހަ މީހަކު ހައްޔަރުކުރި ނަމަވެސް ފައިސާ ފެނުނުކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ފޭރުމުގެ މިހާދިސާގައި އަށާރަ އަހަރުން ދަށުގެ ތިން ކުއްޖަކު ހިމެނެއެވެ.

މާރިޗް 20، 2019 - ބުދަ

ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރުނު ހާދިސާ ހިނގާފައިވަނީ ސައިކަލުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވުމަށް ފަހު ވޭނުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހުއެވެ. ފައިސާ ފޭރުނު މީހުން ތިބީ މޫނު ނިވަކޮށްގެންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލާގައި ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ.

އާދީއްތަ ދުވަހާއި ފޭރުން ކޮން ގުޅުމެއް؟

އިސްވެ ދެންނެވި ފޭރުމުގެ 7 މައްސަލައިގެ ތެރެއިން ބޮޑެތި ޢަދަދުތަކުން ފައިސާ ފޭރުމުގެ ހާދިސާތައް ހިނގާފައިވަނީ ހަފްތަ ބަންދަށްފަހު އާދީއްތަ ދުވަހުއެވެ. ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭ މީހުންގެ އަމާޒަކީ ބޮޑެތި ޢަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން ފާހަގަކުރެވެއެވެ.

މިހާތަނަށް ހިނގި ހާދިސާތަކަށް ރިޔާއަތްކުރާއިރު މިއީ ފައިސާ އުފުލާ ވަގުތާއި ތަނާއި، ފައިސާ އުފުލާ ގޮތް ދުރާލައި އެނގިގެން ހިންގާ ޢަމަލުތަކެއްކަމަސް ތުހުމަތުކުރުމުގެ ފުރުސަތު އެބައޮތެވެ. ޚާއްޞަކޮށް ހަފްތާ ބަންދަށްފަހު ގިނަ ޢަދަދުތަކުން ފައިސާ ޖަމާކުރުމަށް ބޭންކުތަކަށް ގެންދާއިރު، މިފަދަ ޙާދިސާތައް ހިނގުމަކީ މިހާރު ޢާއްމުކަމެކެވެ. ފޭރުމުގެ މިފަދަ ބައެއް ޙާދިސާތަކުގައި އެކުންފުނިތައް ނުވަތަ އޮފީސްތަކުގެ މުވައްޒަފުންގެ ބައިވެރިވުން އޮންނަކަމަށް މިހާތަނަށް ފެންމަތިވި ބައެއް މައްސަލަތަކުން އެނގެން އޮވެއެވެ. ފޭރުމުގެ ގިނަ މައްސަލަތައް ހިނގާފައިވަނީ ގާތްގަނޑަކަށް އެއްގޮތަށެވެ. އެންމެ ބޮޑަށް ކުރެވޭ ތުހުމަތަކީ މިކަމުގެ ފަހަތުގައި ބާރުގަދަ ނުވަތަ ނުފޫޒުގަދަ އެއްބަޔަކު ތިބޭކަމުގެ ތުހުމަތެވެ.

ފައިސާ އުފުލާއިރު ފުލުހުންގެ އެހީތެރިކަން ހޯދާ!

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާކުރުމަށް ބޭންކަށް ގެންދިއުމުގެ މަގުމަތީގައި ފޭރުމުގެ ހާދިސާ ހިނގާފައިވާ ނިސްބަތް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން އެއްތަނުން އަނެއްތަނަށް ފައިސާ އުފުލުމުގައާއި ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޭންކްތަކަށް ޖަމާކުރުމަށްޓަކައި ބޮޑެތި އަދަދުތަކުން ފައިސާ އުފުލާއިރު ފުލުހުންގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ޚިދުމަތް ބޭނުން ކުރެއްވުމަށް ޢާންމުންނާއި އަދި ބޮޑެތި ވިޔަފާރިވެރިންގެ ކިބައިންވެސް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި މާލެއިން މި ޚިދުމަތަށް އެދެން ބޭނުންފުޅުވާނަމަ 9980068 ގުޅުއްވައިގެންވެސް މި ޚިދުމަތް ލިބޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެއިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ފޭރުމުގެ ބޮޑެމައްސަލަތައް ހިނގާކަން ފާހަގަކުރެވޭތީ ފުލުހުން ވަނީ ފައިސާ އުފުލާއިރު ފުލުހުންގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ޚިދުމަތް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ގިނަ ޢަދަދުތަކުން ފައިސާއާއި އެނޫންވެސް އަގުބޮޑުތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި މިހާރަށްވުރެ ބޮޑަށް ރައްކާތެރިގޮތްގޮތަކަަށް ވިސްނަންޖެހެއެވެ. ތިމާގެ ވަށައިގެން ހިނގާބިނގާވާ މީހުންގެ ޢަމަލުތައް ހުންނަގޮތާއި، އޮފީސް ނުވަތަ ކުންފުނީގެ މާހައުލުގައި އުޅޭ މުވައްޒަފުންގެ ޢަމަލުތަކަށްވެސް ވިސްނާލުމަކީ މިފަދަ ފޭރުމުގެ ޢަމަލުތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.