ތަރައްްޤީ

ފަންނީ މީހުން ބިނާކުރުމަށް ޤައުމީ ފެންވަރުގެ ޕްރޮގްރާމެއް ފަށަނީ


އެކި ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމަށްޓަކައި މިއަހަރުތެރޭގައި ޤައުމީ ފެންވަރެއްގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް ޓިވެޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީން ކުރުމަށް ޓިވެޓް އޮތޯރިޓީއާ އެކު ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ޓިވެޓް އޮތޯރިޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޙާޝިމް ވިދާޅުވީ މީހުން ބިނާކުރުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންގެންދަވާ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދިޔުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި އެ ޕްރޮގްރާމް އަންނަ ރަމަޟާންމަހުގެ ފަހުން ފެށުމަށް މަސައްކަތް ކުރަމުންގެންދާކަމަށް ހާޝިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޙާޝިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ލެވެލް ތިނެއްގެ ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށެވެ.

"މިގޮތުން މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ، އިމާރާތްކުރުމުގެ ދާއިރާއާއި ދަތރުފަތުރުގެ ދާއިރާ، ސިއްޚީ ދާއިރާ އަދި ފިޝަރީޒް އެންޑް އެގްރިކަލްޗާ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީންކުރެވޭނެ. މި ޕްރޮގްރާމް ރޯދަމަހުގެ ފަހުން ކުރިއަށްގެނދިޔުމަށް މަސައްކަތް މިކުރަނީ" މުޙައްމަދު ޙާޝިމް ވިދާޅުވިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ އެކި ލެވެލްގެ ދިވެހިން ބިނާކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތައް ބޭނުންކޮށްގެން ތަމްރީންތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.