ސިއްހަތު

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗްގައި ހުޅުވައިފި


"ސެންޓަރ ފޯރ މެންޓަލް ހެލްތު"ގެ ނަމުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފިއެވެ.

އައިޖީއެމްއެޗުގައި އެކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއިން ކުރުމަށް ނިންމާފައިވާ ކަމެކެވެ. މި މަރުކަޒު ހުޅުވިއިރު މިތަނަކީ އާސަންދަވެސް ލިބޭ މަރުކަޒެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި މަރުކަޒުން ދޭ ޚިދުމަތްތައް ފުޅާ ކުރުމަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

މި މަރުކަޒު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ކައުންސިލިންގެ ޚިދުމަތްވެސް މި މަރުކަޒުން ދިނުމަށް ނިންމާފައިވާއިރު މި މަރުކަޒުގެ ދެވަނަ ފިޔަވައްސެއް ވެސް އޮތް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.