ޚަބަރު

އިޓަލީގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވެއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޅަފަތުގެ ދުވަސްވަރަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ ދުވަސްވަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދުނިޔޭގެ އެކި ހިސާބަށް ފެތުރިގެންދިޔައިރުވެސް އިޓަލީގެ ރައްޔިތުންގެ މެދުގައި ރާއްޖެއަށް ލިބެމުންދިޔަ ތަރުޙީބު ދިޔައީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ.

އެހެންނަމަވެސް 2004 އަކުން ފެށިގެން ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ނަމަވެސް އިޓަލީވިލާތުގެ ޤައުމީ އެއަރލައިން "އަލިޓާލިޔާ" ގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވަރަށްބޮޑުތަން އިތުރުވެގެން ދިޔައެވެ.

"އަލިޓާލިޔާ" ގެ ޝެޑިއުލް ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ.

ރާއްޖެއަށް އިޓަލީން ފެށި ޝެޑިއުލް ދަތުރުތަކާއިއެކު 2018 ވަނަ އަހަރު އިޓަލީ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ހުސްވި ފެބްރުއަރީމަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އިޓަލީ ވިލާތުން ރާއްޖެއަށް ވަނީ، ސަތާރަ ހާސް ހަތްސަތޭކަ ނުވަދިހަ ފަސް (17،795) ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލާއިރު 27.5 އިންސައްތައިގެ ކުރިއެރުމެކެވެ. 2018 ވަނަ އަހަރު ރާއްޖެ ޒިޔާރާތްކޮށްފައިވަނީ ތޭރަ ހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ (13962) ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން 2018 ވަނަ އަހަރު ނެރެ އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިޓަލީން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2013 ވަނަ އަހަރުން ފެށިގެން ދިޔައީ އިތުރުވަމުންނެވެ. އެގޮތުން 2016 ވަނަ އަހަރު 5.5 އިންސައްތައިގައި ހުރި އިންފްލޭޝަން ރޭޓު 2017 ވަނަ އަހަރު ވަނީ 6.4 އިންސައްތައަށް އިތުރުވެފައެވެ.

2017 ވަނަ އަހަރު ރެކޯޑް އަދަދަކަށް އިޓަލީ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިޓަލީވިލާތުގެ ފަތުރުވެރިކަމުގެ މާކެޓަށް އެ އަހަރު ވަނީ 24.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން 2017 ވަނަ އަހަރު ކުރިއަށްގެންދިޔަ ވިޒިޓާ ސަރވޭއިން ދައްކާގޮތުން ރާއްޖެ އަންނަ އިޓަލީވިލާތުގެ ފަތުރުވެރިންނަކީ އާންމުކޮށްވެސް ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނެވެ. އެގޮތުން 2017 ވަނަ އަހަރު ކުރި މިދިރާސާގެ 30 އިންސައްތަ އިޓަލީ ފަތުރުވެރިންނަކީ އޭގެ ކުރިންވެސް ރާއްޖެ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަންތްލީ އެރައިވަލް ޓްރެންޑް ދައްކާގޮތުން އިޓަލީ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަކަމަށް ބެލެވެނީ ޑިސެމްބަރ ޖެނުއަރީ އަދި ފެބްރުއަރީ މިތިން މަހުގައެވެ. އަދި އެންމެ ކުޑަ އަދަދެއް ރިކޯޑުކުރެވިފައިވަނީ ޖޫން އަދި މެއި މަހުގައެވެ.

ޓޫރިޒަމް ސިނާޢަތުން ފާހަގަކުރާގޮތުގައި އިޓަލީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަރަށް ޚާއްސަ މާކެޓެކެވެ. 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވެގެން އައިއިރު، ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެއަށް އެންމެފުރަތަމަ ޒިޔާރަތްކޮށްފައިވަނީވެސް އިޓަލީގެ ރައްޔިތެކެވެ. އެހެންކަމުން. އިޓަލީގެ ފަތުރުވެރިންވެފައިވަނީ ރާއްޖެއަށް ވަރަށް ޚާއްސަ ބަޔަކަށެވެ.