ޚަބަރު

ފުރުސަތު ދީފިނަމަ މިއަށްވުރެ ގިނަ ކާމިޔާބީތައް ހޯދޭނެ - ވަސްމީ


ބޭނުންވަނީ ރާއްޖޭ ތަމްސީލްކުރުމުގެ ގިނަ ފުރުސަތު ކަމަށާއި އޭރުން މިއަށްވުރެ ގިނަ ކާމިޔާބީތައް ހޯދޭނެކަމަށް ސްޕެޝަލް އޮލިމްޕިކްސްއިން ރިހި މެޑަލް ހޯދި ވަސްމީ ވަހީދު ބުނެފިއެވެ.

އަބޫދާބީގައި ކުރިޔަށްގެންދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ ފިރިހެން 200 މީޓަރު ދުވުމުގެ ބައިން ރިހި މެޑަލް ހޯދި ރާއްޖޭގެ އެތްލީޓް ވަސްމީ ބުނީ، ފެނިގެން މިދިޔައީ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުސަތު ދީފިނަމަ ރާއްޖެ ފަޙުރުވެރިކޮށްދެވޭނެކަންކަމަށާއި، މިފަދަ ފުރުސަތުތައް ގިނައިން ލިބިއްޖެ ނަމަ މިއަށްވުރެ ގިނަ މެޑަލްތައް ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

އަދި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަމަށްވެސް އޭނާ ބުންޏެވެ. ވަސްމީ ބުނީ މުބާރާތައް ދިޔައިރު ގަދަ ތިނެއްގައި ހިމެނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށާއި، މުބާރާތައް ތައްޔާރުވުމަށް ކުރެވުނު ފަރިތަކުރުންތަކާއި ބަލާފައި މި މުބާރާތުން ނެރެވުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭކަމަށެވެ.

"ދިވެހިންނަށް މިއަދު ފެނިގެން މިދިޔައީ އަޅުގަނޑުމެންނަށްވެސް ފުރުސަތު ދީފިނަމަ ކާމިޔާބު ހޯދޭނެކަން. ދެން މުބާރާތައް ދިޔައިރު ގަދަ ތިނެއްގައި ހިމެނުމަށް ވަރަށް މަސައްކަތްކުރިން. ކުރިޔަށް އޮތްތަނުގައި މިކަހަލަ ގިނަ ފުރުސަތު ލިބިއްޖެނަމަ އިތުރު މެޑަލްތައް ހޯދުމަށް މަސައްކަތްކުރާނަން" ވަސްމީ ވަހީދު ބުންޏެވެ.

މުބާރާތުގައި ބައިވެރިވި އެތްލީޓުން ރާއްޖެއައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޚަބާ ދެއްނެވީ މިނިސްޓަރ އޮފް ޓުއަރިޒަމް އަދި އެކްޓިންގ ޔޫތް މިނިސްޓަރ އަލީ ވަހީދާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި، ދެ މިނިސްޓްރީގެ އިސްވެރިންނެވެ.

މީގެ އިތުރުން މާލޭ އެއްނަންބަރު ފާލަން ސަރަހައްދުން އެތްލީޓުންގެ އާއިލާގެ މެންބަރުންނާއި، އެކި އެކި އެސޯސިއޭޝަންގަތަކުގެ ވެރިންވެސްވަނީ ޚޫނު މަރުޚަބާއެއް ކިޔާފައެވެ.