ޚަބަރު

ކޮމިޝަންތައް އުފައްދަން މަޖުބޫރުވީ މުވައްސަސާތަކުގެ މަސައްކަތް އެކަށީގެންވާގޮތެއްގައި ނުހިނގާތީ- ރައީސް


މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަންތައް އުފެއްދެވީ އެމައްސަލަތައް ބަލަން ޤާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ އެކަމަށް މަޖުބޫރުވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫއަށް ވަޑައިގެން އެރަށުގައި އެމް.ޑީ.ޕީން ބޭއްވި ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ކޮރަޕްޝަނާއި ވައްކަން އޮތީ އިންތިހާއަށް ކަމަށެވެ. އަދި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުން ގެއްލިގެން ދިޔަގޮތް ބެލުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މަސައްކަތް ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ފައްޓަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމިޝަންތައް އުފައްދަވައި މި މައްސަލަތައް ބެލުމަށް ކޮމިޝަންތަކަށް ޤާނޫނީ ބާރުދޭން ކުރި މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ހުއްޓުވާފައިވާކަމަށެވެ. އަދި ޤާނޫނުން އުފައްދަވާފައިވާ މުއްސަސާތައް ހުރި އިރުވެސް ކޮމިޝަންތައް އުފައްދަވަން ޖެހުނީ މައްސަލަތައް ބަލަން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް އޭރުހުރިގޮތުން އެތަންތަނަށް ރައްޔިތުންގެ އިތުބާރު ނެތުމާއި އެތަންތަނުގެ ޒިންމާއަދާކުރާތަން ނުފެންނާތީކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމުއައްސަސާތައް ރަނގަޅަށް ހިނގާނަމަ ރިޔާސީ ކޮމިޝަންތައް އުފައްދަން ނުޖެހުނީސްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮމިޝަންތަކަށް އެބާރު ހޯދަން އަޅުގަނޑުމެން ބޭނުންވީ ވަރަށް ގިނަ ސަބަބުތަކަކާހުރެ. މިނިވަން މުއައްސަސާތަކެއް އެބަހުރި، އޭސީސީ އެބައޮތް، އަދިވެސް އެހެން މުއަސަސާތައް އެބަހުރި އެކަންކަން ބަލަން. އެހެން ނަމަވެސް ކުރިންވެސް ދެންނެވި ފަދައިން ރައްޔިތުންގެ އިތުބާރެއް އެތަންތަނަކަށް އޭރަކު ނެތް. ކަމެއް ކުރެވޭތަނެއް އަޅުގަނޑަކަށް ނުފެނޭ. ވަކިފަރާތަކަށް، ވަކި މީހަކަށް އަމާޒުކޮށްގެން، ނޫނިއްޔާ ވަކިބައެއްގެ ކަންތައްތައް ނޫނިއްޔާ އެތަނުން ބެލޭތަނެއް އޭރަކު ނުފެނޭ. އަޅުގަނޑަށް އެދުވަހު މަޖުބޫރުވީ ރިޔާސީ ކޮމިޝަންތައް ހަދަން" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ނުލިބި ލަސްވަމުން ދިޔަ ނަމަވެސް ލިބިފައިވާ ހަނި ފުރުޞަތުގެ ތެރެއިންވެސް ކޮމިޝަންތަކުންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭތީ މަޖިލިސްތެރެއިން ސަރުކާރަށް ބާރު ހޯދައި ކޮމިޝަންތަކުގެ މަސައްކަތް ފުރިހަމަކުރުމަށް މިއަދު މިވަނީ އިތުރު ހިތްވަރާއެކު މަސައްކަތްކުރަން ޖެހިފައިކަމަށެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅުއްވި ގިނަ ކަންކަން ހާސިލުވެފައިވާކަން ފާހަގަކުރައްވާފައެވެ.