ތިމާވެށި

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުގެ ޤައުމީ ކެމްޕޭނެއް ފަށައިފި


ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭނެއް ފަށައިފިއެވެ. މިކެމްޕޭން ފެށުމުގެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ޔުނިސެފުން ހަދިޔާކުރި ފަސް ހާހަށްވުރެ ގިނަ ފޮތިކޮތަޅުގެ ތެރެއިން އަށާރަހާސް ކޮތަޅު ހަތަރު ރަށެއްގެ ކައުންސިލާ ޙަވާލުކޮށްފައެވެ.

ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަން ތަންފީޒުކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުގެ ޤައުމީ ކެމްޕޭނެއް ފަށާފައިވާއިރު، ޔުނިސެފްގެ ފަރާތުން މި ކެމްޕޭނަށް 5000 އަށްވުރެ ގިނަ ފޮތިކޮތަޅު ވަނީ ހަދިޔާކޮށްފައެވެ. އަދި މި ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ތިމާވެށީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ނަމޫނާ 4 ރަށަކަށް 1800 ފޮތިކޮތަޅު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ. އެ 4 ރަށަކީ ފ.ނިލަންދޫ، ގއ.ގެމަނަފުށި، ވ.ފުލިދޫ އަދި ދ.ރިނބުދޫއެވެ.

މި ކޭމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށެވެ. ރާއްޖެ ތިމާވެއްޓަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު އިތުރުވުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އަލަށް މިފެށި ކެމްޕޭންގެ ތެރެއިން، ޕްލާސްޓިކާ ދެކޮޅަށް އެންމެ ރަނގަޅު ނަތީޖާއެއް ޙާސިލުކުރާ ރަށްރަށަށް ކުރިއަށް އޮތްތާނގައިވެސް އެ މިނިސްޓްރީން ފޮތިކޮތަޅުތައް ހަވާލުކުރަމުން ދާނެކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ 2 އަހަރު ވަންދެންވެސް މިކޮތަޅުތައް ރަނގަޅަށް ބަލަހައްޓައިފިއްޔާ ގޭގޭގައި މިކޮތަޅުތައް ބޭނުންކުރެވޭނެ ކަމަށް. މިއަދު 1800 ކޮތަޅު 4 ރަށަކަށް އަޅުގަނޑުމެން ހަދިޔާ ނަމަވެސް އިތުރު ރަށްރަށަށްވެސް ދޭނަން. ޔުނިސެފުން ވަރަށް ދީލަތިގޮތެއްގައި މިވަނީ 5600 ފޮތިކޮތަޅު އަޅުގަނޑުމެންނަށް ހަދިޔާކޮށްފައި." މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެސެންޓެޓިވް މުޙައްމަދު އަލްމުނީރު ވިދާޅުވީ، ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމަށް އެޖަމްޢިއްޔާއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށެވެ. އަދި މިފަދަ ކެމްޕޭނެއް ޤައުމީ ފެންވަރެއްގައި ފެށިގެން ދިޔައީތީ އެކަމާ އުފާކުރައްވާކަމަށާ، އެންމެ އެކުގައި މަސައްކަތްކޮށްފިނަމަ މިއީ ނަތީޖާ ނެރެވޭނެ ކެމްޕޭނެއްކަމަށްވެސް ޔުނިސެފްގެ ރެޕްރެސެންޓެޓިވް ވިދާޅުވިއެވެ.

ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުގެ ޤައުމީ ކެމްޕޭނެއް ފަށާފައިވާއިރު، ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ޤައުމީ ޙަރަކާތެއްވެސް މިހާރުވަނީ ފަށާފައެވެ. މި ހަރަކާތުގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި ބައެއް ކުންފުނިތަކުންވެސް ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން އެއްކޮށް ހުއްޓާލާފައެވެ. ހަމައެހެންމެ ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް އެކަކާއި ޔޫކޭޖީގައި ކިޔަވާ ދަރިވަރުންނަށް ތިމާވެއްޓާ ރައްޓެހި ފެންއަޅާފުޅިވެސް ބަހާފައިވެއެވެ. ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ޕްލާސްޓިކަށް ކުރާ ހޭދަ މަދުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.