ތަރައްްޤީ

ރާއްޖެއާއި ތައިލެންޑާ ދެމެދު ވިސާ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖެއާއި ތައިލެންޑާ ދެމެދު ވިސާ އެއްބަސްވުމެއްގައި ސޮއިކުރުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އާޖެންޓީނާގެ ބޮއެނަސްއައިރިސް ގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ހަވާސާގައި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ތައިލެންޑްގެ ސަރުކާރުގެ އިސް ވަފްދާއި ބައްދަލުކުރައްވާ ދިވެހިންނަށް ވިސާގެ ލުއި ގޮތްތަކެއް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާ، އެކަމާގުޅޭ އެގްރިމަންޓްގައި ވީހާވެސް އަވަހަށް ސޮއިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ތައިލެންޑަކީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން މުހިންމު ޤައުމެއްކަން ފާހަގަކުރައްވާ، ރާއްޖޭގައި ތައިލޭންޑްގެ އިންވެސްޓްމަންޓްތައް ކުރިއަށްދާކަންވެސް ފާހާގަކުރައްވާފައެވެ.

ވިސާގެ ލުއި ގޮތް ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރުމަށް ތައްޔާރުވެފައިވާއިރު، މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެއާއި ތައިލެންޑާ ދެމެދު ވަނީ އެކަމުގެ މަޝްވަރާތައް ފަށާފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް އާދެވިފައިވާކަމަށް ފޮރިންގ މިނިސްޓްރީން ކުރިންވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ތައިލެންޑުގެ ގިނަ އިންވެސްޓަރުން އިންވެސްޓްރަމުން ގެންދެއެވެ. އެގޮތުން ރާއްޖޭގެ މަސް ތައިލެންޑަށް އެކްސްޕޯޓްކުރުމާއި ތައިލެންޑްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތައިލެންޑުގެ އިންވެސްޓަރުން އިންވެސްޓު ކުރާ މިންވަރު އިތުރުވަމުންދިއުމާއި އެނޫންވެސް ދާއިރާތަކުން މިގުޅުން ހަރުދަނާކުރެވި ދެޤައުމުގެ މުއްސަނދި ސަޤާފަތުން ގިނަ ފައިދާތަކެއް ހާސިލްކުރެވޭނެކަމަށްވެސް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ތަޢުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާއަށާއި، އެނޫންވެސް ބޭނުންތަކަށް ހަތަރުސަތޭކައެއްހާ ދިވެހިން ތައިލެންޑުގައި ދިރިއުޅެމުން ގެންދެއެވެ. އަދި ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށާއި، ވިޔަފާރިކުރުމަށް ގިނަ ޢަދަދެއްގެ ދިވެހިން ތައިލެންޑަށް ގޮސްއުޅެއެވެ.