ސިޔާސީ

ބައިނަލްއަޤްވާމީ ވާދަވެރި ވިޔަފާރީގެ ތެރެއަށް ވަނުމަށް ހުރި ފުރުޞަތުގެ ބޭނުން ރާއްޖެއިން ހިފާނެ- މިނިސްޓަރ ޝާހިދު


ބައިނަލްއަޤްވާމީ ވާދަވެރި ވިޔަފާރީގެ ތެރެއަށް ވަނުމަށް ހުރި ހުރިހާ ފުރުޞަތުތަކުގެ ބޭނުން ރާއްޖެއިން ހިފާނެކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އާޖެންޓީނާގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނައަށް އެންމެ މަތީފަންތީގެ ބައްދަލުވުމުގައި ކުރެއްވި ތަޤްރީރުގައެވެ.

ސައުތު-ސައުތު ކޯޕަރޭޝަނަކީ ކުރިއަރަމުން އަންނަ ޤައުމުތަކުގެ މެދުގައި ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، ސަޤާފީ، ފަންނީ އަދި ތިމާވެށީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ތަރައްޤީވަމުން އަންނަ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއިއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް ފައިދާކުރަނިވި އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށްޓަކައި އިތުރު ގުޅުންތައް ޤާއިމްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، 1978 ވަނަ އަހަރު ބޭއްވި ސައުތު-ސައުތު ކޯޕަރޭޝަންގެ ފުރަތަމަ ހައި-ލެވެލް ބައްދަލުވުމަށްފަހު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވި. އަދި ތަރައްޤީވަމުން އަންނަ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ކުރިއަރަމުން އަންނަ ދުނިޔޭގެ އިޤްތިޞާދުގެ އިންޖީނުކަމަށާއި، އެގުޅުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙިއްސާ އިތުރުވަމުން އަންނަކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ ތަރައްޤީވެފައިވާ ޤައުމުތަކުން ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީއަށް ދެމުންދާ އެހީތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ދިވެހި ރާއްޖެ ބަދަލުވުމުން ރާއްޖެއިން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އިތުރު ފުރުޞަތުތަކެއް ހޯދަން ޖެހިފައިވާކަން ފަހަގަކުރައްވާފައެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދުތަކުގެ ބޮޑު މިނަށާއި، އިޤްތިޞާދު މިންކުރާ މިންގަނޑުގެ ސަބަބުން ސައުތު-ސައުތު ކޯޕަރޭޝަންގެ އޮނިގަނޑުގެ ތެރެއިން ދިވެހި ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، ބައިނަލްއަޤްވާމީ ވާދަވެރި ވިޔަފާރީގެ ތެރެއަށް އިތުރަށް ވަނުމަށް ދިވެހިރާއްޖެއަށް ބޭނުންކުރެވެން ހުރި ހުރިހާ ފުރުޞަތެއްގެ ބޭނުން ހިފާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޝާހިދު ދެއްވިއެވެ.

ފޮރިން މިނިސްތަރ އާޖެންޓީނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މި ކޮންފަރެންސްގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ޤައުމުތަކުގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި އެކި ދާއިރާތަކުން، ޚާއްސަކޮށް އިޤްތިޞާދީ ދާއިރާގައި އެޤައުމުތަކުންވެސް ޝައުޤުވެރިވާ ކަންކަމުގައި މަޝްވަރާކުރައްވާނެއެވެ.

އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ބައްދަލުވުން މި ބާއްވަނީ 1978 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 އިން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 އަށް ބޮއެނަސްއައިރސްގައި ކުރިއަށްދިޔަ އދގެ ކޮންފަރެންސް އޮން ޓެކްނިކަލް ކޯޕަރޭޝަން އެމަންގް ޑިވެލޮޕިންގ ކަންޓްރީސް ބޭއްވިތާ 40 އަހަރު ފުރުމާއި ދިމާކޮށެވެ.