ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ހޯމް މިނިސްޓަރ އިފްތިތާހުކޮށްދެއްވައިފި


ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ ލޯކަލް މާރުކޭޓު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހުޅުވައިދެއްވައިފިއެވެ.

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓް ހުޅުވިގެން ދިއުމަކީ މިސަރަހައްދުގެ ދަނޑުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑުކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން މިސަރަހައްދުގެ ދަނޑުވެރިންނަކީވެސް ގިނަ ބާވަތްތަކެއް އުފައްދާ ބަޔަކަށްވާއިރު އެތަކެތި އާންމުންނަށް ފަސޭހައިން ވިއްކުމަށް ލޯކަލް މާރުކޭޓްގެ ސަބަބުން ފަސޭޙަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ހިސާބުގަނޑުގެ ރަށްތަކުގެ ދަނޑުވެރިންނަކީ، ދަނޑުވެރިކަމުގަ ގިނަ އުފެއްދުންތަކެއް އުފައްދާ ބައެއް. މިރަށުގަ ހާއްޞަކޮށް ހަފަތާ ބަންދުގަ އެކި ރަށްތަކުން ތަކެތި ހިފައިގެން ދުރުވާ ބޭފުޅުންނާ އަދި ވިޔަފާރީގެ އެކި އެކި ބޭނުމާ ހޮސްޕިޓަލާ މިހުރިހާ ކަމެއް ގުޅިގެން ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި މިރަށް ހިނގަމުން ދާއިރު މިހިދުމަތް ދެވޭފަދަ މާރުކޭޓެއް ހުޅުވިގެން ދިއުމަކީ މިރަށަށް، މިސަރަހައްދަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ވަރަށް ބޮޑު ކާމިޔާބީއެއް" އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ޑިރެކްޓަރ މުހައްމަދު ޖަވާދު ދެއްކެވި ވާހަކަފުޅުގައި މާރުކޭޓް ހިންގުމަށްޓަކައި ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލާ ނިންމާ، ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެގަވާއިދުތައް ގެޒެޓް ކުރެވުމުން ކައުންސިލުން ގޮޅިތައް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ޖަވާދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އިމާރާތް ކޮށްފައިވަނީ ކުޅުދުއްފުށީ ބަންޑާރަ މަގުގައެވެ. 4 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިއިމާރާތުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުރެއެވެ. މި މާރުކޭޓުގައި އޮފީހަކާއި ސެކިއުރިޓީ ރޫމެއްގެ އިތުރުން ދަނޑުވެރިން ތަކެތި ވިއްކުމަށް 32 ގޮޅި ހުރެއެވެ.