ޚަބަރު

ހއ. އަތޮޅުގެ 10 ރަށެއްގައި ދާއިމީ ގޮތެއްގައި އަވިން ހަކަތަ އުފައްދަން ފަށައިފި


ހއ. އަތޮޅުގެ 10 ރަށެއްގައި ދުވާލުގެ ވަކި ގަޑިތަކެއްގައި ދާއިމީގޮތެއްގައި އަވިން އުފައްދާ ހަކަތަ ބޭނުންކުރަން ފަށާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރަށްރަށުގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ވަގުތުތަކުގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢަކީ މިދާއިރާއިން ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. މި މަޝްރުޢޫގެދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު އެންމެ ފުރަތަަމަ ޤާއިމުކޮށް ނިމިފައިވަނީ ހއ. އަތޮޅުގެ 14 ރަށުގައެެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ހއ. އަތޮޅުގެ 14 ރަށުގައި މިމަސައްކަތް ނިމި، މީގެ ތެރެއިން 10 ރަށެއްގައި ގަވާއިދުން އަވިން އުފައްދާ ހަކަތަ ބޭނުންކުރަން ފަށާފައިވާކަމަށެވެ. މީގެ ތެރެއިން ޑީސަލް އިންޖީނު ބޭނުންކުރާ ރަށްރަށުގައި ދުވާލަކު 3 ނުވަތަ 4 ގަޑިއިރު އިއާދަކުރަނިވި ހަކަރައިން އުފައްދާ ކަރަންޓު ބޭނުންކުރާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މި ރަށްރަށުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓްދޭން ފެށުމާއެކު އެރަށްރަށުގައި ޑީސަލް ގަތުމަށް ކުރާ ހޭދަ ވަަރަށް ބޮޑަށް ކުޑަވެފައިވާކަން ފެނަކައިގެ ތަފާސްހިސާބުތަކުން ފާހަގަވާކަމަށެވެ.

"
"މިހާރު 3-4 މަސް މިވީ އަވިން އުފައްދާ ހަކަތަ ބޭނުންކުރާތާ. މިހާރުވެސް 1.9 މިލިއަން ރުފިޔާފެ ސޭވިންގއެއް އެބައާދޭ ތެލަށްކުރާ ޚަރަދުން."
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ފަށާފައިވީނަމަވެސް އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރުމުގައި ބައެއް ދަތިތައް ހުރިކަމަށެވެ. މި މައްސަލަތައް ޙައްލުވުމުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދޭ ވަގުތު އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ހއ. ގައި އަވިން އުފައްދާ ހަކަތަ ބޭނުން ކުރަން ނުފަށާ 4 ރަށުގައިވެސް ސިސްޓަމްތައް ޤާއިމުކޮށް ނިމިފައިވާކަމަށާއި، މި ރަށްތަކުގައި ވަަރަށް އަވަހަށް އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރަން ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައިވެސް ގެންދަނީ އަވިން އުފައްދާ ހަކަތަ ބޭނުންކުރަމުންނެވެ. އަދި ށ. އަތޮޅާއި ނ. އަތޮޅުގެ 26 ރަށެއްގައިވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އަވިން އުފައްދާ ހަކަތަ ބޭނުންކުރަން ފެށުމަށް ވަނީ ނިންމަވާފައެވެ. އެހެން އަތޮޅުތަކުގައިވެސް މިކަމާގުޅޭ ޕްލޭންތައް ހަދައި ނިމިފައިވާކަމަށާއި، އެކަމަށް ބޭނުންވާ ފަންޑު ލިބުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފަށާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިއާދަކުރަނިވި ހަކަތަ އުފެއްދެންއޮތް އެންމެ މަތީ މިންވަރަކަށް ހަކަތަ އުފެއްދުމެވެ.