ޚަބަރު

ކަޅުވަކަރު މިސްކިތުން މަދުވާ ބައިތައް ހަދައި ނިންމާލައިފި


މާލޭގައި ހުރި ކަޅުވަކަރު މިސްކިތުންގެ ލިޔެލާ ޖަހައިގެން ހަދާފައިވާ ބައިތަކުގެ ތެރެއިން މަދުވާ ބައިތައް ލިޔެލާޖަހައިގެން ހަދައި ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ ކުރީގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ރޫޅާލިއިރު އެމިސްކިތުގެ 40 އިންސައްތަ ބައިތައް މަދުވާކަމަށެވެ. އެގޮތުން މިސްކިތުގެ ބައިތަކުގެ ތެރެއިން މަދުވަނީ ލިޔެލާޖަގައިގެން ހަދާފައިވާ ބައިތައްކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާއްވައި، އެތަނުގައި ނަމާދުކުރެވޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެމިސްކިތުން މަދުވާ ބައިތައް ހަދަން ހެރިޓޭޖް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ތުޅާދޫ ބަޔަކާއެވެ. އަދި މިހާރު އެމަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ހަމަޖައްސައިފައިވަނީ އިސްލާމީ މަރުކަޒު ކައިރީގައި ކުރިން ދިރާގު ހެޑް އޮފީސްހުރި ހުސް ބިމުގައެވެ. ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ މިހާރު ކުރަމުންދަނީ އެ މިސްކިތް ބެހެއްޓުމަށްޓަކައި ބިންގަނޑު ކޮނުމުގެ މަސައްކަތް ކަމަށެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.