ޚަބަރު

ނިއުޒިލެންޑަށް ދިން ޓެރަރިސްޓް ހަމަލާ: ޝިކާރައަކަށްވީ، މައުސޫމް މުސްލިމުން


މުސާދް އިބްރާހިމް، 3 އަހަރު

ތިން އަހަރުގެ ތުއްތު މުސާދު އިބްރާހީމަކީ ނިއުޒިލެންޑްގައި ހިންގި ޤަތުލުޢާއްމުގައި މަރާލި އެންމެ ކުޑަކުއްޖާއެވެ. ހުކުރު ދުވަހު މުސާދާއި އޭނާގެ ބައްޕަ އާއި ބޭބެ ނޫރު މިސްކިތައް ދިޔައީ ޖަމާޢަތުގައި ހުކުރު ނަމާދުކުރުމަށެވެ. މުސާދުގެ ބޭބެ އަބްދީ އޭނާގެ ކޮއްކޮ ސިފަކުރަނީ އަބަދުވެސް ހިނިތުންވެފައިހުންނަ، ސަކަ މިޒާޖެއްގެ، ލޯބި ކުއްޖެއްގެ ގޮތުގައެވެ. އަނިޔާވެރި ޓެރަރިސްޓުގެ ހަމަލާއަށްފަހު، އެ ޢާއިލާއަށް، އެ ލޯބި ހިނިތުންވުން ގެއްލުނީއެވެ.

ހުސްނު އަރާ ޕަރްވީން، 42 އަހަރު

ޢުމުރުން 42 އަހަރުގެ ހުސްނު އަރާ ޕަރްވީން މަރުވެފައިވަނީ، ފުރޮޅުލީ ގޮނޑިއެއްގައި އިން އޭނާގެ ފިރިމީހާ، ފަރީދުއްދީން އަޙްމަދުގެ ގަޔަށް ވަޒަން އަރާފާނޭތީ އޭނާ ހިމާޔަތްކުރަން އުޅުނު އުޅުމުގައި އޭނާގެ ގަޔަށް ވަޒަން އަރައިގެންނެވެ. އޭނާއަށް ބޮޑުދައިތަ ކިޔާ މީހެއްކަމަށްވާ މަހްފޫޒް ޗޯދްރީ ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި ކޮންމެ ހުކުރު ދުވަހަކުވެސް، ޕަރްވީން އޭނާގެ ފިރިމީހާ ގޮވައިގެން މިސްކިތައް، ހުކުރަށްދެއެވެ. އަދި މިސްކިތުގައި ފިރިހެނުންނަށް ޚާއްޞަކޮށްފައި ހުންނަ ބަޔަށް ފަރީދުއްދީން ގެންދިއުމަށްފަހު ޕަރްވީން ދަނީ މިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށްފައި ހުންނަ ބަޔަށެވެ. މަހްފޫޒް ބުނާގޮތުން ބަޑީގެ އަޑު އިވުމާއެކު ޕަރްވީން ދުވެފައި މިސްކިތުގައި ފިރިހެނުންނަށް ޚާއްޞަކޮށްފައި ހުންނަ ބަޔަށް ގޮސް، ފިރިމީހާގެ ހިމާޔަތުގައި އެތައް މަސައްކަތެއް ކުރިއެވެ. ފަރީދުއްދީން އަޙްމަދު، އެ ހަމަލާގައި މަރެއް ނުވެއެވެ. މިއީ، 1994 ވަނަ އަހަރު، އުފާވެރި ދިރިއުޅުމެއްގެ އުއްމީދުގައި އުފަން ބިން ބަންގްލަދޭޝް ދޫކޮށް ނިއުޒިލެންޑަށް ދަތުރުކުރި ފަރީދުއްދީނާއި ޕަރްވީންގެ ވާހަކައެވެ.

ނަޢީމް ރާޝިދު، 50 އަހަރު

ޓެރަރިސްޓް އިންޓަރނެޓުގައި ލައިވްކުރި ވީޑިއޯގައި އޭނާގެ ކުރިމައްޗަށް އަރާ އޭނާ ހުއްޓުވުމަށް މަސައްކަތްކުރާތަން ފެންނަ މެދު އުމުރުގެ ފިރިހެންމީހާއަކީ ނަޢީމް ރާޝިދެވެ. މަންޒަރު ދުށް މީހުން ސިފަކުރާގޮތުގައި ޓެރަރިސްޓު މިސްކިތަށް ވަދެ ހަމަލާދޭން ފެށުމާއެކު، އޭނާ ހުއްޓުވުމަށް، އެއްވެސް ޖެހިލުމެއް ނެތި މަސައްކަތްކުރި އެކަކީ ނަޢީމެވެ. އޭނާ މަރުވެ ދިޔައީ، މިސްކިތުގައި ތިބި އެހެން މީހުންގެ ދިފާޢުގައި ޖާނުން ޤުރުބާންވެގެންނެވެ. މަރުވި މީހުންގެ ތެރޭގައި ނަޢީމްގެ ދަރިފުޅު ޠޮލްޙާ ރާޝިދުވެސް ހިމެނެއެވެ. ޠަލްހާ މަރުވެފައިވަނީ އޭނާގެ ކައިވެންޏަށް ތައްޔާރުވަމުންދަނިކޮށެވެ.

ޙާޖީ ދާއޫދް ނަބީ، 71 އަހަރު

ޢުމުރުން 71 އަހަރުގެ ޙާޖީ ދާވޫދް ނަބީ، ހުކުރު ދުވަހުގެ އަނިޔާވެރި ހަމަލާގެ ޝިކާރައަކަށްވެ މަރުވުމުގެ ދެތިން ދުވަސް ކުރިން އޭނާގެ ދަރިފުޅު ޢުމަރު ގާތު ދައްކާފައިވަނީ، މުޖުތަމަޢުގައި އެކަކު އަނެކަކު ހިމާޔަތްކުރުމުގެ މުހިއްމުކަމުގެ ވާހަކަ އާއި އެއްބައިވަންތަކަމުގެ މުހިއްމުކަމުގެ ވާހަކައެވެ. ސޯވިއެޓް ޔޫނިއަން އާއި އަފްޣާނިސްތާނާ ދެމެދު ކުރި ހަނގުރާމައާ ގުޅިގެން 1979 ވަނަ އަހަރު ނިއުޒިލެންޑަށް ދަތުރުކުރި ނަބީ އަކީ އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް މަސައްކަތްކުރާ ރެފިއުޖީންނަށް އެހީތެރިވުމަށް ޖަމިއްޔާއެއްވެސް ހިންގި ދަރުމަވެރިއެކެވެ. އޭނާ، މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ދެކެމުން އައި ހުވަފެން ނިންމާލަން މަޖުބޫރުވީ، ޓެރަރިސްޓެއްގެ ހަރުކަށި ފިކުރުން އުފަންވި އަނިޔާވެރި ޙަމަލާއެއްގެ ޝިކާރައަކަށް ވެގެންނެވެ.

ނިއުޒިލަންޑްގެ ތާރީޚު ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ފަންސާހަށް އަރާފައެވެ. އަދިވެސް ހޮސްޕިޓާތަކުގައި ނާޒުކު ޙާލަތެއްގައި ފަރުވާ ހޯދަމުންދާ އެތައް ބައެއް އެބަތިއްބެވެ. އެކި ވަރުގެ ޒަޚަމު ލިބިފައިވާ އެތައް ބަޔަކު އެބަތިއްބެވެ. މަންޒަރު ދުށް، ނަފްސާނީ ނުތަނަވަސްކަމުގައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. މަރުވި އަދި ޒަޚަމުވީ ކޮންމެ މީހެއްގެ ގާތްތިމާގެ މީހުން އަދިވެސް ސިހުމެއްގައި އެބަތިއްބެވެ. އެންމެ މީހެއްގެ ފުށުން ހިނގި ނޭއްގާނީ، އަނިޔާވެރި ޢަމަލުތަކެކެވެ. އުއްމަތެއް ސިއްސުވާލި ޖަރީމާއެކެވެ.