ޚަބަރު

ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުން އެދި ޕެޓިޝަނެއް


2006 ވަނަ އަހަރުން ފެށިގެން ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުން އެދި 500 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އެރަށު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ކުޅުދުއްފުށީ ރައްޔިތުންތަކެއް ސޮއިކޮށް ހުށަހެޅި މި ޕެޓިޝންގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެފަރާތްތަކުން ބޭނުންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުޅުދުއްފުށީގައި މިވަގުތު ބޯހިޔާވަހިކަމަށް ބޭނުންވާ 1500 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށާއި، ނަމަވެސް އެރަށުން ދޫކުރުމަށް ހުއްދަ ދީފައިވަނީ 120 ގޯތިކަން މި ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. އަދި ކުޅުދުއްފުށީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ގްރީން ޒޯން ނުހިމަނައި އެރަށުގައި މިހާރުވެސް 500 އެއްހާ ގޯތި ދޫކުރެވޭނެވަރުގެ ބިން އެބައޮތްކަމަށް މި ޕެޓިޝަންގައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ފްލެޓް އެޅުމަށްވެސް މި ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންތަކެއް އިސްވެތިބެ ހުށަހަޅާފައިވާ މި ޕެޓިޝަނަކީ އެރަށުން ގޯތިދިނުމަށް ނިންމާފައިވާ ޢަދަދު އިތުރުކޮށްދިނުމަށްއެދި ހުށަހަޅާފައިވާ ޕެޓިޝަނެއްކަމުން، މިކަމުގައި ގޮތެއް ނިންމޭނީ މިނިސްޓްރީއަށް ކަމަށެވެ.

މި ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުނު ފަރާތަކުން ބުނީ މި ޕެޓިޝަން ޕްލޭނިންގ މިނިސްޓްރީއަށްވެސް މެއިލްކޮށްފައިވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ޕެޓިޝަން ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށެވެ.