ތަރައްްޤީ

ތިން ރަށަކުން ދޫކުރި ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމްތައް އަލުން ރިވިއު ކުރަނީ


ހުވަދު އަތޮޅުގެ ތިން ރަށަކުން ދޫކުރަން ނިންމާފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުށަހެޅި ފޯމްތައް އަލުން ރިވިއު ކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ރިވިއު ކުރުމަށް ހަވާލުކޮށްފައިވަނީ ގދ.ހޯޑެއްދުއާއި، ގދ. ގައްދުއާއި ގއ.ވިލިނގިލީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ފޯމުތައް ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ނިންމައި ހަވާލުނުކޮށް ހުރި ފްލެޓްތައް ހައްޤުވާ ފަރާތްތަކާއި ހަވާލުކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ. އެގޮތުން ބައެއް ރަށްރަށުން ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކޮށްފައިވަކަމަށްބުނެ ހުށަހަޅަމުންދާ ޝަކުވާތަކާ ގުޅިގެން ހައުސިންގ މިނިސްޓްރީން ވަނީ ފްލެޓް ދޫކުރުން މަޑުޖައްސާލާފައެވެ. އަދި ކުރީ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވަނީ ރަށު ކައުންސިލްތަކުގެ ދައުރެއް ނެތި ކަމުން، އޭރު ފްލެޓް ލިބުނު މީހުންގެ ނަންތައް އަލުން ރިވިއު ކުރުމަށް ކައުންސިލްތަކާ ހަވާލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަސައްކަތް ކުރުމަށްޓަކައި ކައުންސިލްތަކާއި ބައްދަލުކޮށް ރަށްރަށުގެ ހާލަތު ބެލުމަށް ހައުސިންގ މިނިސްޓްރީގެ ޓީމްތަކުންދަނީ އެކި ރަށްރަށަށް ޒިޔާރަތް ކުރަމުންނެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާ ކުރައްވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަލް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓްރ އަލީ ޝާމިން ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމްތަކާއި، ފޯމާއެކު ހުށައަޅާފައިވާ ލިޔުންތަކާއި، އަދި ޕޮއިންޓް ދީފައިވާ ގޮތުގެ މަޢުލޫމާތު މިހާރު ވަނީ ހުވަދު އަތޮޅުގެ 4 ރަށެއްގެ ކައުންސިލާއި ހަވާލުކޮށްފައިކަމަށެވެ. އަދި ފޯމްތައް ކައުންސިލުން ރިވިއުކޮށް، ފާހަގާ މައްސަކަތައް މިނިސްޓްރީއަށް މިމަހުގެ ނިޔަލަށް ހުށައެޅުމަށް އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފޯމްތައް ރިވިއު ކުރުމަށްފަހު ފްލެޓް ލިބުނުކަމަށް ބުނާ މީހުންގެ ފައިނަލް ލިސްޓް ރިވިއުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. އަދި ވަގުތީ ލިސްޓެއް އެކުލަވާލައި، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ގދ.ހޯޑެއްދޫގައި އިމާރާތްކޮށްފައިވަނީ 40 ހައުސިންގ ޔުނިޓެވެ. އަދި ގދ.ގައްދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައިވާއިރު، ގއ.ވިލިނގިލީގައި އިމާރާތްކޮށްފައިވަނީ 52 ހައުސިންގ ޔުނިޓެވެ.

ހައުސިންގ މިނިސްޓްރީއިންވަނީ ގދ.ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ފްލެޓްގެ ފޯމްތައް ރިވިއުކުރުމަށްވެސް އެރަށުގެ ކައުންސިލާއި ހަވާލުކޮށްފައެވެ. އެރަށުގެ ފޯމްތައް ރިވިއުކޮށް ވަގުތީ ލިސްޓް މިމަހުގެ 28ގެ ކުރިން ނެރުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ.