ތަރައްްޤީ

ފީ ނުދައްކާ ގެތަކުން ކުނި އުކައިދިނުން ވަގުތީގޮތުން ހުއްޓާލަނީ


ވެމްކޯގެ ކުނީގެ ޚިދުމަތަށް ފައިސާ ނުދައްކާ ތަންތަނުން، ކުނި ނެގުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ވެމްކޯއިން ނިންމައިފިއެވެ.

ފައިސާ ނުދައްކާ ތަންތަނުން ކުނި ނެގުމުގެ މިގޮތަށް ޚިދުމަތް މެދުކަނޑާލަން ވެމްކޯއިން ނިންމާފައިވަނީ، ދިގުމުއްދަތަކަށް ފައިސާ ނުދައްކާ ފަރާތްތައް ގިނަވުމާއި، އެކަމުގެ ސަބަބުން ވެމްކޯގެ ޚަރަދު ބެލެހެއްޓުމާއި، އެ ކުންފުނީގެ މަސައްކަތްތަކަށް ގެއްލުންވަމުންދާތީކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނެފައިވަނީ ފައިސާ ދެއްކުމުން، ކުރިއެކޭ އެއްގޮތަށް އަލުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ޚިދުމަތް މެދުކަނޑާލާފައިވާ ފަރާތްތައް ކޮންމެ ދުވަހެއްގެ ހެނދުނު 11ގެ ކުރިން ފައިސާ ދައްކައިފިނަމަ އެދުވަހުގެ މެންދުރު ފަހު ތިނަކުން ފަށައިގެން ކުނި ނެގުމުގެ މަސައްކަތް ފަށާނެކަމަށް ވެމްކޯއިން ބުނެއެވެ. އަދި ހެނދުނު 11ގެ ފަހުން ބިލް ދައްކާ ފަރާތްތަކަށް ޚިދުމަތް ދޭން ފަށާނީ، ޖެހިގެން އަންނަ ދުވަހުގެ މެންދުރުފަހު ތިނެއްގެ ފަހުންކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ފައިސާ ނުދައްކާ ތަންތަނުން ކުނި ނެގުމުގެ މިގޮތަށް ޚިދުމަތް މެދުކަނޑާލަން ވެމްކޯއިން ނިންމާފައިވާއިރު ވެމްކޯއިން ވަނީ ބިލަން ފައިސާ ނުދައްކާ ފަރާތްތަކާއި، ރެޖިސްޓްރީ ނުކުރާ ފަރާތްތައް ދެނެގަތުމަށް ސަރވޭއެއް ފަށާފައެވެ. ސަރވޭގެ ފުރަތަމަ ބުރު ކުރިއަށްގެންދަނީ ހެންވޭރުގައެވެ. އެ ސަރވޭގެ ތެރެއިން ރެޖިސްޓްރީ ނުކުރާ ފަރާތްތައް ދެނެގަނެ ރެޖިސްޓްރީ ކުރުމާއި، ބިލަށް ފައިސާ ނުދައްކާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމެއްވަނީ އެ ސަރަޙައްދުގައި ހަމަޖައްސާފައެވެ. އެގޮތުން ކުރީގެ ހެންވޭރު ޔޫތު ސެންޓަރުގައި ހުރި ތަނުގައި ބިލަށް ފައިސާ ދެއްކޭނެ ގޮތާއި، ރެޖިސްޓްރީ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީހާއި، ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށާއި، ވެމްކޯގެ ތަރޑް ޕަރޓީ އައުޓްލެޓްސްތައް މެދުވެރިކޮށް، ފީ ދެއްކޭނެ ފަސޭހަ އިންތިޒާމުތައް ވަނީ ވެމްކޯއިން ހަމަޖައްސާފައެވެ.

ވެމްކޯއިން ބުނާގޮތުގައި، މާލޭގައި ތިރީސްހާސް ގޭބިސީ ހުރިއިރު، ކުނީގެ ޚިދުމަތަށް އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވަނީ 20ހާސް ގޭބިސީއަކުންނެވެ. އަދި ވިޔަފާރިކުރާ އެގާރަހާސްތަން ހުރިއިރު، މީގެތެރެއިން ރެޖިސްޓަރކޮށް ކުނި އުކަމުންދަނީ 1500 ތަނުންނެވެ. ވެމްކޯއިން ބުނެފައިވަނީ ރެޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ތެރެއިން ގަވައިދުން ކުނި އުކުމުގެ ޚިދުމަތަށް ފައިސާ ދައްކަމުންދަނީ 40 އިންސައްތަ ތަނުންކަމަށެވެ. އަދި އަނެއް 60 އިންސައްތަ ތަންތަންނީ ގަވައިދުން ފީ ނުދައްކާ ތަންތަން. އޭގެރެރޭގައި އެއްގޮތަކަށްވެސް ފައިސާ ނުދައްކާ ފަރާތްތަކާއި، ދިގު މުއްދަތައް ފައިސާ ނުދައްކާ ފަރާތްތައް ހިމެނެއެވެ.