ތަރައްްޤީ

މާލޭގެ މަގުތަކުގައި އަޅާފައިހުރި ޑީވޯޓަރިން ހޮޅިތައް ނަގަން ފަށައިފި


މާލޭގެ މަގުތަކުގައި އަޅާފައި ހުރި "ޑީވޯޓަރިން" ނުވަތަ ޢިމާރާތްކުރުމަށް ކޮންނަ ތަންތަނުން ބޭރުކުރާ ފެން ދައުރު ކުރުމަށް އަޅާފައިވާ ހޮޅިތައް ނަގަން ފަށައިފިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލުން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މާލެސިޓީގެ ޑެޕިއުޓީ މެޔަރ ޝަމާޢު ޝަރީފު ވިދާޅުވީ މާލޭގެ މަގުތަކުގައި އަޅާފައި ހުރި ޑީވޯޓަރިން ހޮޅިތައް ހޮނިހިރު ދުވަހުން ފެށިގެން ނަގަން ފަށާފައިވާކަމަށެވެ. މާލޭގެ މަގުތަކުގައި އަޅާފައިހުރި ހޮޅިތަކާބެހޭ މަޢުލޫމަތު އެއްކޮށްފައިވާއިރު އޭގެ ތެރޭގައި އެއްގޮތަކަށްވެސް ބޭނުން ނުކުރާ ހޮޅިތައްވެސް އެބަހުރިކަމަށް ޝަމާޢު ވިދާޅުވިއެވެ. ބޭނުން ނުކުރާ ހޮޅިތަކާއި ޤަވާއިދާ ޚިލާފަށް ނަންނުޖަހައި ލޭބަލްނުކޮށްހުރި ހޮޅިތައް ނަގަން ފަށާފައިވާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާތަނަށް ގިނަ ޢަދަދެއްގެ ހޮޅިތައް ނެގިފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މަސައްކަތް ކުރަން އޮންނަ ގޮތަށް ކުރާނަމަ 30 ދުވަހުގެ ތެރޭގައި ހޮޅި އަޅައިގެން ކުރަންޖެހޭ މަސައްކަތްތައް މުޅިން ނިމި ހޮޅިނެގުމުގެ މަސައްކަތް މަހެއްހާ އދުވަހުގެ ތެރޭގައި ފެށޭނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް އެފަދައިން ގިނަ ކުންފުނިތަކުން މަސައްކަތްނުކުރާކަން އެފަރާތުން ފާހަގަކުރައްވައެވެ.

މާލޭ ރިންގް ރޯޑުގައި ޑީވޯޓަރިން ހޮޅިތައް ބަމްޕަރެއްގެގޮތުގައި ހަދާފައި ހުރުމާއި ގުޅިގެން ރާއްޖެމިއަދުގައި ސުވާލު ދެންނެވުމުން ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ މަގުތަކުގައި އަޅަންޖެހޭ ހޮޅިތައް އެޅުމުގެ ހުއްދަތައް ހިފަހައްޓަފައި ހުރުމުގެސަބަބުން ޢިމާރާތްކުރާ ފަރާތްތަކަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން 8 މަހަށްވުރެ ގިނަދުވަހު ބައެއް މަސައްކަތްތައް ހުއްޓިފައި ހުރިކަން މާލޭ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާލޭގެ މަގުތަކުގައި އަޅާފައި ހުރި ހޮޅިތައް މަދުވެގެންދާނެކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއެވެ.