ވިޔަފާރި

ބިދޭސީންގެ "އެމްޕްލޮއިމެންޓް އެޕްރޫވަލް" 48 ގަޑިއިރުތެރޭ ދޫކުރާގޮތަށް ހަމަޖެއްސަނީ


ވަޒީފާއަށް ރާއްޖެގެންނަ ބިދޭސީންގެ އެމްޕްލޮއިމެންޓް އެޕްރޫވަލް 48 ގަޑިއިރުތެރޭ ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއިން ނިންމައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެމްޕްލޮއިމެންޓް އެޕްރޫވަލްއަށް ހުށަހަޅާއިރު ހުރިހައި ލިޔެކިޔުމެއް ފުރިހަމަކަމުގައިވާނަމަ މިމަހުގެ 17 އިން ފެށިގެން 48 ގަޑިއިރުތެރޭ ބިދޭސީންނަށް އެމްޕްލޮއިމެންޓް އެޕްރޫވަލް ލިބޭނެކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ފުރިހަމަނުވިނަމަވެސް މި ފަރާތްތަކަށް އިމިގްރޭޝަނުން މިކަން އަންގާނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އަލަށް އެމްޕްލޮއިމެންޓް އެޕްރޫވަލްއަށް އެދޭ ފަރާތްތަކަށާއި މަޢުލޫމާތު ބަދަލުވެގެން އެކިފަހަރު މަތިން އެމްޕްލޮއިމެންޓް އެޕްރޫވަލް އާކުރަން އަންނަ ފަރާތްތަކަށް ކުރިން މިޚިދުމަތް ދެމުންގެންދިޔައީ 3 ދުވަހާއި 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

އެހެންނަމަވެސް 48 ގަޑިއިރުގެ ތެރޭގައި އެމްޕްލޮއިމެންޓް އެޕްރޫވަލް ދޫކުރުމަށް އިމިގްރޭޝަނުން ނިންމާފައިވާއިރު މިއީ ބިދޭސީންނަށް ލުއިފަސޭހަގޮތުގައި ޚިދުމަތްފޯރުކޮށްދިނުމަށްޓަކައި ގެނައި ބަދަލެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މީގެ ސަބަބަނުން އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ބިދޭސީންގެ އެމްޕްލޮއިމެންޓް އެޕްރޫވަލް ދޫކުރުމާއި ކޯޓާ ދޫކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންގެންދިޔަ ނަމަވެސް މީގެކުރިން އިމިގްރޭޝަނުން ވަނީ މި މަސައްކަތްތައް މިމަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެެވެ. އެހެންނަމަވެސް އަދިވެސް މި މަސައްކަތްތައް ކުރައްވަމުންދަނީ އިމިގްރޭޝަނުންނެވެ. އިމިގްރޭޝަނުން ވިދާޅުވީ އަވަސް މުސްތަޤްބަލެއްގައި އެމްޕްލޮއިމެންޓް އެޕްރޫވަލް ދޫކުރުމާއި ކޯޓާ ދޫކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުވާނެކަމަށެވެ.